މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގު މިއަދުން ފެށިގެން ބޮޑު ކުރަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑު ކުރަން މިފްކޯއިން ނިންމީ، އެކުންފުންޏަށް ޑީސަލް ފޯރުކޮށްދޭ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްއިން ތެލުގެ އަގު އިއްޔެ ބޮޑު ކުރުމާއި ގުޅިގެންނެވެ.

މިފްކޯއިން މަސްވެރިންނަށް ދެން ޑީސަލް ގަންނަން ލިބޭނީ 12.08ރ. އަށެވެ. އެފްއެސްއެމްއިން ޑީސަލް ލީޓަރެއް ވިއްކަނީ 12.06ރ. އަށެވެ. މިފްކޯއިން އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 14.26ރ. އަށެވެ.

ރާއްޖޭގައި ވިއްކަމުންދާ ތެލުގެ އަގަށް ބަދަލު އައިސްފައި މިވަނީ، ދުނިޔޭގެ ބާޒާރުގައި ސާފް ނުކުރާ ތެޔޮ ފީފާއެއްގެ އަގު 88.94 ޑޮލަރަށް އެރުމާއި ގުޅިގެންނެވެ. މިއީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ. ތެލުގެ އަގު އަދިވެސް މައްޗަށް އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް މުހައްލިލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ތެލުގެ އަގު މައްޗަށް އުފެލެން ފަށާފައި ވަނީ ރަޝިޔާ އާއި ޔޫކްރައިންގެ މައްސަލަ ގޯސްވުމާއި ގުޅިގެންނެވެ. އަދި ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ބޮޑު ބަދަލެއް އައިސްފައި މިވަނީ ޔަމަނުގެ ހޫތީން ޑްރޯން ބޭނުންކޮށްގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ތެޔޮ ކާރުޚާނާއަކަށް ދިން ޓެރަރިސްޓް ހަމަލާއާ އަށްފަހުއެވެ.