ކޮވިޑް-19 ގެ ބަލި ފެތުރުން އިތުރުވަމުންދާތީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެދާނެ ތަންތަންކަމަށް އެޗް.ޕީ.އޭ އިން ފާހަގަކޮށްފައިވުމުން، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑްތަކަށް މިއަހަރުގެ ޖުލައި 31 ދުވަހުގެ ނިޔަލަށް ޚިދުމަތް ދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ދައުލަތުގެ މުވައްސަސާތަަކަށް މިއަދު އަންގައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން މިއަދު ނެރެނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަކީ ދިވެހި ރައްޔިތުންގެ އައި.ޑީ ކާޑު ހަދައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީސްކަމަށްވުމުން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން އެޑިޕާޓްމަންޓަށް ހާޟިރުވާންޖެހޭ ފަރާތްތަށް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު، 31 ޖުލައި 2022ގެ ނިޔަލަށް އިތުރުކޮށްފީމެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

"މިގޮތަށް ހަމަޖެއްސުމުން ޢާއްމު ރައްޔިތުންނަށް އައި.ޑީ ކާޑު މެދުވެރިކޮށް ޚިދުމަތް ދެއްވާ އެއްމެހައި މުވައްސަސާތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި މި އިޢުލާނަށް ރިޢާޔަތް ކުރައްވާ ޚިދުމަތްތައް ފޯރުކޮއްދެއްވުމަށް ދެންނެވީމެވެ" ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ކާޑުގެ މުއްދަތު އިތުރުކޮށް އިޢުލާނުކުރި ކަމުގައި ވިޔަސް ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) އަދި އަތޮޅުތެރޭގައި ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅޭނެ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.