މާލެ ސިޓީފިޔަވައި އެކްޓިވް ކޭސްތައް އެންމެ ގިނައީ އައްޑޫ ސިޓީ ހިތަދޫގައި ކަމަށް އެޗްޕީއޭ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން ޢާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، އައްޑޫ ސިޓީ ހިތަދޫގައި 275 ކޭސް ރެކޯޑު ކުރެވިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 244 ދިވެހިންނާއި 31 ބިދޭސީންނެވެ.

ލިސްޓުގެ ދެވަަނައިގާ ފުވައްމުލައް ސިޓީ އޮތްއިރު، އެ ސިޓީގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 203 އެވެ. އެއީ 192 ދިވެހިންނާއި 11 ބިދޭސީންނެވެ.

ތިންވަނައަށް ކޮވިޑުގެ އެކްޓިވް ކޭސް އެންމެ ގިނަ ކުޅުދުއްފުށި ސިޓީގައި 181 ކޭސް ރެކޯޑު ކުރެވިފައިވާ އިރު އެއީ 177 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

އެކްޓިވް ކޭސްތައް އެންމެ ގިނަ އަތޮޅަކީ އައްޑޫ ސިޓީ އެވެ. އެގޮތުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭހެން ޖުމްލަ އަދަދަށް ބަލާލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 654 ގައެވެ.