އެމްޓީސީސީގެ ތާރީހުގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ މިދިޔަ އަހަރު ހޯދައިފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް 224.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީ އަށް 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 220.75 މިލިއަން ރުފިޔާ އެވެ. އެހެންކަމުން 2020 ވަނަ އަހަރު ލިބުނު ސާފު ފައިދާ އަށް ވުރެ މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު ސާފު ފައިދާ ވަނީ 15 ޕަސަންޓް އިތުރުވެފަ އެވެ.

މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.96 ބިލިއަން ރުފިޔާ ލިބުނުއިރު 2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 1.36 ބިލިއަން ރުފިޔާ އެވެ.

އަދި 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.96 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 264.45 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓާރގައި ރިކޯޑް ކުރެވިފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާ، 2020 ވަނަ އަހަރުގެ މިމުއްދަތުގެ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 80.94 މިލިއަން ރުފިޔާގެ ސާފު ފައިދާ އާއިއަޅާ ބަލާއިރު ދައްކަމުގައި ވިޔަސް މުޅި 2021 ވަނައަހަރުގެ ޖުމްލަ ނަތީޖާއަކީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

2021 ވަނައަހަރުގެ ހަތަރުވަނަ ކުއާޓާރގައި، އެކި މަރުހަލާގައި ޖުމުލަ 103 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ކުރަމުން ގޮސްފައިވެއެވެ. އަދި މި ކުއާރޓަރގެ ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތްތަނީ ނިންމާލެވިފައިވާއިރު 8 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފެށި، 18 މަޝްރޫއެއްގެ މަސައްކަތް ހަވާލުކުރެވިފައިވެއެވެ.