އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުން އަންނަ މާޗް މަހަށް ފަސްކޮށްފި އެވެ.

މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެމްއާރުޕީ އަކީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެވެ. މި އުސޫލާއި އެކު ރާއްޖޭގައި ކަނޑައެޅިފައިވާ އަގަށް ވުރެ މަތީ އަގެއްގައި ބޭސް ވިއްކުން މަނާވާނެ އެވެ. އެއާއި އެކު އެމްއާރުޕީ ކަނޑައެޅުމަށް އެންމެ މަތީ އަގު ކަނޑައަޅާފައިވާ ބޭސްތަކާއި، އޭގެ ލިސްޓު ރާއްޖެއަށް ބޭސް އެތެރެ ކުރާ ފަރާތްތައް އަދި ފާމަސީތަކުގެ ވެރިންނާއި ހަވާލުކޮށްފައިވާއިރު، އަސާސީ ބޭސްތަކުގެ އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން، އެ އަގުތަކާއި މެދު ފާމަސީތަކުގެ އެއްވެސް ޝަކުވާއެއް ވާނަމަ އެކަން ހިއްސާ ކުރުމަށް ހުޅުވާލި އެވެ.

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށް މިދިޔަ ނޮވެމްވަރު މަހު ނެރުނު ގަވައިދު ބުނާ ގޮތުގައި ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕަރައިޒްގެ 100 އިންސައްތައަސް ވާ އަގަށެވެ. މިގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފައިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާ ބޭނުންކޮށްގެންނެވެ. އަދި އުސޫލު ތަންފީޒު ކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އެމްއާރުޕީ ކަނޑައަޅާފައި ވަނީ މިވަގުތު އެމްއެފްޑީއޭގެ އެޕްރޫވްޑް ދިވެހިރާއްޖޭގެ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭރޭންޑަކާއި ބޭސްތަކަށެވެ.

ޖެނުއަރީ މަހުން ފެށިގެން އުސޫލަށް އަމަލުގެ ފުރަތަމަ މަރުހަލާގެ ބޭހުގެ އަގު ކޮންޓްރޯލުކޮށް ޖުލައި މަހުން ފެށިގެން ދެން ހުރި ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތީ ނިންމާފަ އެވެ. އެކަމަކު މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ އިސްލާހުގައި ވަނީ އަސާސީ ބޭސްތައް ކޮންޓްރޯލްޑް އަގުގައި ވިއްކަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެން ކަމަށެވެ.

އިސްލާހުގައި ވާ ގޮތުން މާޗު މަހުގެ 01 އިން ފެށިގެން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމްއާރްޕީ، ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަން ހުންނަންވާނެ އެވެ. ނުވަތަ އެމްއާރްޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީތަކުގައި ހަމަޖެހިފައި ހުންނަން ޖެހޭނެ އެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައިމީގެ ކުރިން އަމިއްލަ އަގުތަކެއް ކަނޑައަޅައެވެ. އަދި އެކި ފާމަސީތަކުގައި އެކި ގޮތްގޮތަށް އަމަލު ކުރަމުން އަންނަ އައުމާއި މިއާއި އެކު ހައްލެއް ލިބިގެންދާނެ އެވެ. ހާއްސަކޮށް އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީނުން ކުރާ ހޭދަތައް ކުޑަވެ، އެއް ބްރޭންޑެއްގެ ބޭސްތައް އެކި އަގުގައި ވިއްކުން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ފާމަސީތަކުން އެއްވެސް މިންގަނޑެއް ނެތި ކަޅު ބާޒާރުގައި ބޭސް ވިއްކައި ހިންގާ އަމަލުތަކަށް ފިޔަވަޅު އެޅޭނެ އެވެ.

މިފަދަ އުސޫލެއް އަންނަކަމުގެ ވާހަކަތައް މީޑިއާތަކުން ގެނައުމާއި އެކު، ބައެއް އާއްމުން ވަނީ ބޭސްތަކުގެ ކޮލިޓީއަށް ބަދަލު ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދައްކާފަ އެވެ. ރާއްޖެއަށް ބޭސް އެތެރެ ކުރެވޭނީ އަބަދުވެސް އޮންނަ އުސޫލުގެ ތެރެއިން ހުރިހާ މަރުހަލާއެއް ވެސް ފުރިހަމަ ކުރުމަށް ފަހު އެވެ. އެހެން ކަމުން ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ބޭސް އެތެރެ ކުރާނީ، އޭގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމަށް ފަހު އެވެ.

ރާއްޖޭގައި ބޭސް ޓެސްޓު ކުރުން ހަރުދަނާ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާއިރު، ނޭޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑިންގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ. އަދި މިހާރު ވެސް 60 އަށް ވުރެ ގިނަ ޖެނެރިކް ޓެސްޓު ކުރެވޭއިރު، ރާއްޖެއިން ޓެސްޓު ނުކުރެވޭ ބޭސްތަކުގެ ސާމްޕަލްތައް ފޮނުވަނީ ސިންގަޕޯގެ ލެބޯޓްރީއަކުންނެވެ.