ދިވެހިންގެތެރޭގައިވެސް ސޯޝަލްމީޑިއާއި ދޯޅުވެފައިވާމީހުން ވަރަށް ގިނަ އެވެ. ޑައިރީ ލިޔާފަދައިން ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގެ ފާރުތަކަށް ދޫކޮށްލާމީހުން ގިނަ އެވެ. އެހެންނަމަވެސް މއީ މުޅި މުޖުތަމައަށް ނުވަތަ ދުނިޔެއަށް އަންގަންޖެހޭ މައްސަލަތަކެއް ނޫނެވެ.
އަޅުގަނޑުމެންނަކީ އިންސާނުންނެވެ. ވީއިރު ޚިޔާލު ތަފާތުވުންތައް ހުންނާނެ އެވެ. ޚާއްޞަކޮށް އެކީގައި އެއްތަނެއްގައި އުޅޭމީހުންގެ ތެރޭގައި ތަފާތު މައްސަލަތައް ދިމާވާނެ އެވެ. ހުރިހާ އާއިލާއެއްގައިވެސް މައްސަލަ ޖެހޭނެ އެވެ. އެއީ އެންމެނަށްވެސް އެނގޭ ކަމެކެވެ. އަދި އެ މައްސަލަތައް ކޮންމެވެސް ދުވަހަކުން ހައްލުވެސް ވާނެ އެވެ.
މިގޮތަށް އާއިލީ މައްސަލަތައް ސޯޝަލްމީޑިއާގައި ހިއްސާކުރާ މީހުންގެ މަގުޞަދަކީ ހިތަށް ހަމަޖެހުމެއް ހޯދުންކަމަށް ވެދާނެ އެވެ. އެހެން ބަޔަކަށް އޭނާގެ އިހުސާސްތައް އަންގައިދިނުމުން ހިތަށް ތަސައްލީއެއް ލިބެނީކަމށްވުން އެކަށީގެންވެ އެވެ. ނޫނީ އެހެން ބައެއްގެ ސަމާލުކަން ހޯދުން އެއީ މަގުޞަދަކަށްވެސް ވެދާނެ އެވެ.
އެހެންނަމަވެސް މިފަދަ ކަންކަން ސޯޝަލް މީޑިއަށް ދޫކޮށްލުމުން ބައެއް މީހުން ތިބާ އަކީ ހަރުދަނާމީހެއް ނޫންކަމަށް ބަލަ އެވެ. އަދި ތިބާގެ ހާލާމެދު ހަމްދަރުދީވުމުގެ ބަދަލުގައި ޖޯކަކަށް ހަދައެވެ. އަދި އެބައިމީހުން އަމިއްލައަށް އުފައްދާފައިވާ ފާރުތަކުގައި އެ މައްސަލަތައް ހިއްސާކޮށް ހަޖޫ ޖަހަ އެވެ.
ނަފުސާނީ ޢިލްމުވެރިން ބުނާގޮތުގައި ސޯޝަލްމީޑިއާގައި މައްސަލަތައް ހިއްސާކުރުމަކީ އާއިލާގެތެރޭގައި އެކަކު އަނެކަކަށް ކުރާ އިތުބާރު ގެއްލޭނެ ކަމެކެވެ. އަދި މިކަމުގެސަބަބުން ގިނަފަހަރަށް މައްސަލަތަށް ހައްލުކުރުމަށް ގިނަދުވަސް ނަގައެވެ. ސަބަބަކީ ސޯޝަލްމީޑިއާގައި ހިއްސާ ކުރާ ތަކެތި ތިބާ ޑިލީޓްކުރިއަސް އެހެންމީހުންގެ ފޯނުތަކުގަޔާއި އެހެނިހެން ޑިވައިސަސްތަކުގައި ގައިދުކުރާނެ އެވެ. މީސްމީޑިއާގެ ތަފާތު ފާރުތަކުގައި އެ މައްސަލަ ހިއްސާކުރާނެ އެވެ. އަދި އެވާހަކަ އެތައްބައެއްގެ ދޫދޫމަތިން ފެތުރި މި މުކުޑަކުޑަ މުޖުތަމައުގައި ތިބާ އާއި ތިބާގެ އާއިލާ އިތުރަށް ފަޟީލަހަތްވެދާނެއެވެ. އެކަމުގެސަބަބުން އިތު މައްސަލަތައް ކުރިއަރައި ފޯދިދާނެއެވެ.
އެހެންކަމުން އާއިލާގެ ތެރޭގައި މައްސަލަ ޖެހުމުން ކެއްތެރިކަމާއެކު ހިކުމަތުޢަމަލީގައި ހިފާށެވެ. އާއިލާގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާށެވެ. އެކަން މުޅި ދުނިޔެއަށް ނާންގައި، އެމައްސަލަތައް ހައްލުކުރާނެ އެހެން ގޮތްތައް ހޯދާށެވެ. މައްސަލާގައި ގިނަދުވަސްވާނަމަ، އިތުބާރުކުރެވޭ މީހަކާ ވާހަކަ ދައްކާށެވެ.