ހުރިހާކަމެއް ބޮއްސުންލައި އިންތިޒާމުން ނެއްޓިފައި އޮތް އިރު މިކަން ހައްލުކުރާނެ އެއްވެސް ބެލެނިވެރިއަކު ނެތެވެ. ވިޔަފާރިތަކާއި ހޮޓާތައް އަދި ގެސްޓްހައުސްތަކާއި ފާމަސީތަކާއި މަސްދޯނިފަހަރު ބިދޭސީންނާއި ހަވާލުކޮށް އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބެނިއްޔޭ ބުނުން ދޮގަކަށް ވާނެހެއްޔެވެ؟ ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ބިދޭސީންނެވެ. އެބައިމީހުންގެ މަސައްކަތެވެ. އަޅުގަނޑުމެންގެ އަމިއްލަ އެއްވެސް މަސައްކަތެއް ނެތެވެ. ކުޑަމިނުން އަރުތެރެއަށް ދާ ކާއެތިކޮޅުވެސް ރޯފިލުވައިދެނީ ބިދޭސީންނެވެ.
ކުރީގައި އަވައްޓެރީންނާއި އާއިލާ އިން އެކި މުނާސަބަތްތަކަށް ދެވި ހަވާދުވެސް މިހާރު ދަވަނީ ބިދޭސީންނެވެ. ހަދިޔާއަށާއި ގޭގައި ކާލަން ތެއްލާ ފަތްކޮޅުވެސް ތެއްލައިގެން ވިއްކަނީ އެމީހުނެވެ. އަޅުގަނޑުމެންގެ އަމިއްލަ ފަޚުރު ކަމުގައިވި ރިހާކުރުވެސް ކައްކަނީ ބިދޭސީންނެވެ. ހަމަ އެކަނި މިއެއްނޫނެވެ. މި ތަކެތި ތައްޔާރުކޮށް ބަޒާރަށް ނެރޭއިރު ހިތަށް އެރި ނަމެއް ޖަހާލާފައި ވިއްކަނީއެވެ. 23 ޖެނުއަރީ ގައި އިމިގްރޭޝަނުން ހިންގި ރޫޓިން އިންސްޕެކްޝަންތަކުގައި ފާހަގަކުރެވިފައިވަނީ ސާފުތާހިރުކަމަށް އެއްވެސް އެއްވެސް ސަމާލުކަމެއް ނުދީ ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދާކަމެވެ. އަދި މި ތައްޔާރުކުރާ ތަކެތީގެ ތެރޭގައި އިންޓަވަލް ގަޑީގައި ސްކޫލުކުދިންނަށް ދިނުމަށް ބައެއް ބެލެނިވެރިން އާންމުކޮށް ފިހާރަތަކުން ގަނެއުޅޭ ބާވަތްތައް ހިމެނޭކަމަށްވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.
ބިދޭސީން ނުކުރާ މަސައްކަތެއް ރާއްޖޭގައި ނެތެވެ. އަދި ކުރާ ގިނަ ކަންތައްތަކުގެ ވެރިންނަކީވެސް އެބައިމީހުނެވެ. ޚާއްޞަކޮށް މާރުކޭޓް ފަދަ ވިޔަފާރީގެ މަރުކަޒުތަކުގައެވެ. ވިއްކާ ތަކެތީގެ ފެންވަރަކަށް ނަމަކަށް ބަލާމީހަކު ނެތެވެ. ފަޅޯ އަޅާ ވަތްގަނޑަށް ކާށީއަޅައި ބޯޑު ބަދަލުނުކޮށް އޮތުމުން ކާއްޓަށް ފަޅޯ ކިޔައި ހެނީއެވެ ތެއްލި ފަތުގައި ކޭކު ލިޔެފައި އޮތުމުން ގޭގައިވެސް ތެއްލިފަތަށް ކޭކު ކިޔަންވީ އެވެ މީގެ އިތުރަށް ގިނަ ފިހާރަތަކުގައި ވިއްކަން ހުންނަ ތަކެތީގައި އަގެއްވެސް ނުހުރެއެވެ. އަގު އަހާލުމުން އޭރަކު ފިހާރައިގައި އިންނަ ސޭޓަކު ހިތަށްއެރި އަގެއް ބުނަންވީއެވެ. ލަކުޑިގަނޑު މާވަޑިޔާގެ ހިތެވެ. ނިޔާ ފަނޑިޔާރުގެ ހިތެވެ.
ދިވެހި ރާއްޖޭގައި ކާބޯތަކެތި ހަދައި ވިއްކާ އިރު އޭގައި ހިމެނި ބައިތައް ދިވެހި ބަހުން ލިޔެފައި އޮންނަން ޖެހެއެވެ. މިއީ ގަވާއިދެވެ. އެހެނަސް މިހާރު ތައްޔާރުކޮށްފައިވާ ބާވަތްތަކުގައި އެހެން ނަމެއް ޖަހާފައި އޮތަސް މައްސަލައެއް ނެތެވެ. ހީނލާފައި ފޮޓޯ ނަގާ ހިއްސާ ކުރަނީއެވެ. ގަނެގެން ގެއަށް ގެންދަނީއެވެ. އަޅުގަނޑުމެންގެ ބަހުގެ އުސްތާޒެއް ކަމަށްވާ ތޮއްޑޫ އާދަމް ނަސީރު ވިދާޅުވީ މި މަސްސަލައިން މުޖުތަމަޢުގެ އެތައް ވާހަކަތަކެއް ބުނެދޭކަމަށެވެ. " ދިވެހި ބަހަށް އަސަރުކުރާ ވާހަކަ އިހަށް ބާއްވަމާތޯ؟ ނުރަނގަޅު ނަންނަމުގައި ކާބޯތަކެތި ވިއްކާނަމަ، އޭގެ ޞިއްޙީ ފެންވަރާމެދު އޮތީ ކޮން ޔަޤީންކަމެއްތޯ؟ އެކަމުގައިއުޅޭ ބަޔެއްގެ ހޭލުންތެރިކަމާއި ފަރުވާތެރިކަމުގެ މައްޗަށް އޮތީ ކޮން އިތުބާރެއްތޯ؟ ހަމަ އެހެންމެ މިފަދަ ކަމެއް ގައުމެއްގެ ވެރި ރަށުގައި އެންމެންގެ ލޯމަތީގައި، މި ޒަމާނުގައި ހިނގާއިރު ބަޔަކަށް ކޮށްލަން އެނގޭ ކަމަކީ ހީލުންކަމުގައިވާނަމަ، އެ ގައުމެއްގެ ފެންވަރަކީ ނުވަތަ ވިސްނުމާއި ދޭހައިގެ ހާލަކީ ކޮބައިތޯ؟" އާދަމް ނަސީރު ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުގައިވެސް މަސައްކަތް ކުރަން ބިދޭސީން އުޅެއެވެ. ނަމަވެސް މިހާލަތަކަށް ނުދެއެވެ. ސިންގަޕޫރަކީވެސް ބިދޭސީ މަސައްކަތުމީހުން ގިނަ ގައުމެކެވެ. އެހެން ނަމަވެސް އެގައުމުގެ ހުރިހާމަސައްކަތެއް އޮތީ ބިދޭސީން އަތްމަތީގައެއް ނޫނެވެ. ބޮއްސުންލާފައެއް ނޫނެވެ. އޮސްޓްރޭލިޔާއަށް ބަލާލާއިރު އެގައުމަށް ރޯމިރުހެއްވެސް އެތެރެ ނުކުރެވެ އެވެ. އަޅުގަނޑުމެންގެ ހާލަތު ނިކަން ދެކެބަލާށެވެ. އެތެރެކުރަމުންމިދާ ކާބޯތަކެއްޗާއި ގައުމުގައި އުފައްދާ ތަކެތީގައިވެސް އެއްވެސް ރައްކާތެރިކަމެއް ނެތެވެ.
މިހާވަރަށް ވަރިހަމަ ވެފައި ތިބެން ހެޔޮ ވެދާނެހެއްޔެވެ؟ ހުރިހާކަމެއް ބޮއްސުންލައިގެން ދާއިރު އަޅުގަނޑުމެންގެ ހުރިހާކަމަކަށް މިދަނީ އަސަރު ފޯރަމުންނެވެ. ބަހަށެވެ. ތަޢުލީމަށެވެ. ޞިއްޙަތަށެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. އާދަކާދައާއި ޘަގާފަތަށެވެ. މި ހުރިހާކަމަކަށް އަސަރުކުރާއިރު ހަވާލުވާނެ ބެލެނިވެރިއެއް ހަމަ ނެތީހެއްޔެޔެވެ؟