މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދިޔަ ފްރާންސްގެ ބައިނަލްއަގުވާމީ ފޯވާޑް އެންތޮނީ މާޝިއަލް އެކްލަބު ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ ސެވިއްޔާއަށް ރޭ ބަދަލުވެއްޖެއެވެ.
ކުޅުމުގެ އެކަށީގެންވާ ފުރުސަތު ނުލިބޭތީ ޓީމާމެދު ހިތްހަމަ ނުޖެހިފައި ހުރި މާޝިއަލް އޭނާގެ މެޑިކަލް ޓެސްޓް ހެދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ސެވިއްޔާއަށް ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސެވިއްޔާއިން މާޝިއަލް ގެނައީ މިސީޒަނުގެ ނިޔަލަށެވެ. މިއެއްބަސްވުމުގެ ދަށުން ސެވިއްޔާގެ ކޮންޓްރެކްޓުގައި މާޝިއަލް ސޮއި ކުރާ ދުވަހުން ފެށިގެން އޭނާގެ މުސާރައިގެ %100 ދޭނީ ސެވިއްޔާއިންނެވެ.
ސެވިއްޔާއިން މާޝިއަލް،26، އެކްލަބަށް ގެނެސްފައިވާއިރު އެޓީމުން ދަނީ މިސީޒަނުގައި ސްޕެނިޝް ލީގް ޗެމްޕިއަންކަމަށް ވަރަށް ބޮޑަށް ވާދަކުރަމުންނެވެ. ލީގުގެ އެއްވަނައިގައި މަޝްހޫރު ރެއާލް މެޑްރިޑް 50 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ސެވިއްޔާ އޮތީ 46 ޕޮއިންޓާއެކުއެވެ.