އިނގިރޭސި ޕްރިމިއަރ ލީގުގެ ވޮޓްފޯޑުގެެ ކޯޗް ކަމުގެ މަގާމަށް ހަމަޖެއްސިތާ ތިންމަހާއި ފަނަރަ ދުވަސް ފަހުން، ކޯޗް ކްލައުޑިއޯ ރަނިއޭރީ ރޭ އެމަގާމުން ވަކިކޮށްފިއެވެ.

މުޅި ދުނިޔެ ސިއްސުވާލުމަށްފަހު 17-2016 ސީޒަނުގައި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލެސްޓަރ ސިޓީއަށް ހޯދައިދިން ކޯޗް ރަނިއޭރީއަށް ވޮޓްފޯޑުން ކޯޗްކަން ހަވާލު ކުރީ ރެލިގޭޝަން ޒޯނުން ބޭރުގައި އެޓީމު ބާއްވައި ދިނުމަށްޓަކައެވެ. އެކަމަކު ރަނިއޭރީގެ އިރުޝާދުގެ ދަށުން 14 މެޗް ކުޅެފައިވާއިރު ހޯދުނީ އެންމެ 7 ޕޮއިންޓެވެ. ލީގް ފުލުން ދެވަނައިގައި ވޮޓްފޯޑް އޮތީ މިހާތަނަށް ކުޅުނު 20 މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ.

ވޮޓްފޯޑުން ރަނިއޭރީ މަގާމުން ވަކިކުރީ، ލީގުގައި އެންމެފަހުން ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވުމުންނެވެ. މިމެޗުން މޮޅުވެ ނޯވިޗް ވަނީ ރެލިގޭޝަން ޒޯނާ ފެއަށް ޖެހިލާފައެވެ.

މަގާމުން ރަނިއޭރީ ވަކިކޮށް ވޮޓްފޯޑުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ރަނިއޭރީއަކީ މަސައްކަތުގައި ވަރަށް އިޚްލާސްތެރި މީހެއް ކަމަށާއި އޭނާގެ މަސައްކަތް ބަލައިގަނެ ޝުކުރު އަދާ ކުރާ ކަމަށެވެ. "އެކަމަކު ސީޒަނުގެ ބޮޑުބައެއް އަދި ކުރިއަށް އޮތުމާއެކު އާވިސްނުމަކާއެކު މަސައްކަތް ކުރާނެ ކޯޗަކަށް މިވަގުތު ފުރުސަތު ދޭން ޖެހޭ ކަމަށް ކްލަބުގެ ބޯޑަށް ފެންނާތީ އާކޯޗަކުގެ ގެނައުމަށްޓަކައި މިނިންމުން ނިންމަން ޖެހުނީއެވެ". ވޮޓްފޯޑުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ވޮޓްފޯޑުގައި ހޭދަކުރި ކުރު މުއްދަތުގައި ރަނިއޭރީގެ އިރުޝާދުގެ އެކްލަބުން ހޯދި އެންމެ ފާހަގަ ކޮށްލެވޭ ނަތީޖާއަކީ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 4-1 އިން ކުރި ހޯދުމެވެ.