ތ. ތިމަރަފުށީގައި ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ފުލުހުން ހުއްޓުވާފައިވާކަމަށްބުނެ ފަތުރާފައިވާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫންކަމަށް ފުލުހުންވަނީ މިއަދު ވިދާޅުވެފައެވެ.
ޓެރަރިޒަމްގެ އަމަލު ހިންގަންއުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި ރޭ ތ.ތިމަރަފުށިން ހައްޔަރުކުރި މީހާއާއެކު މިމަސަލައިގައި މިހާތަނަށް ޖުމްލަ 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ރޭ ތިމަރަފުށިން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިކަމާއި ގުޅިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމައްޗާއި ތ.ތިމަރަފުށީގައި ކަމަށާއި މި އޮޕަރޭޝަންގައި މާލެއިން އެކަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި އެންމެންނަކީވެސް ދިވެހި ފިިރިހެނުންކަމަށެވެ.
ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ޙައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް ފުލުހުންވަނީ މީޑިއާތަކަށް އިލްތިމާސް ކުރައްވާފައެވެ.