ކުވައިތުގެ އުމުރުން އެންމެ 14 އަހަރުގެ މުހައްމަދު އަލް-އަވާދީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އެކި އުމުރު ފުރާތަކަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ ގެންދާ އިންޓަނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަ ކުރުމަށް އެގައުމަށް ދިޔައީ ޗެމްޕިއަންކަން ހޯދުމުގެ ފޮނި އުއްމީދުގައެވެ.

ޓެނިހުގައި ފަހި މުސްތަގުބަލެއް އޮތް އަވާދީ، 14 އަހަރުން ދަށުގެ އުމުރު ފުރާގެ ސެމީފައިނަލުން ޖާގަ ހޯދައި އޭނާގެ އުއްމީދުތައް ހާސިލް ކުރުމާއި ފިޔަވަޅެއް ކައިރިއަށްވެސް ޖެހިލިއެވެ.

އެކަމަކު ސެމީފައިނަލާ ހިސާބުން، މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ރަން މެޑަލް ކަރަށް މަހާލުމަށްވުރެ އޭނާއަށް މުހިއްމުވީ ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯތްބާއި ގަދަރު މުޅި ދުނިޔެއަށް ހާމަ ކޮށްދިނުމެވެ.

ސެމީފައިނަލުގައި އަވާދީ ބައްދަލު ކުރަން ޖެހުނީ އިޒްރޭލުގެ ކުޅުންތެރިޔަކާއެވެ. އެހިސާބުން އޭނާ ނިންމީ، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަސްތީނުގެ ރައްޔިތުންގެ އިހްސާސްތަކަށް އިހްތިރާމް ކުރުމުގެ ގޮތުން ސެމީފައިނަލް މެޗް ނުކުޅެ ދޫކޮށްލުމަށެވެ.

އަވާދީގެ ކެރުންތެރި މިނިންމުމުގެ ސަބަބުން ކުވައިތުގެ ޕާލަމެންޓް މެމްބަރުންނާއި ގަލްފުގެ އެކި ޖަމިއްޔާ، ޖަމާއަތްތަކުގެ މެމްބަރުން ގެންދަވަނީ އަވާދީއަށް ތައުރީފް ކުރައްވަމުންނެވެ.

މީގެ ކުރިންވެސް މުސްލިމް ބައެއް ކުޅުންތެރިން ވަނީ އޮލިމްޕިކްސް ފަދަ ބޮޑެތި މުބާރާތްތަކުގައިވެސް އިޒްރޭލުގެ ކުޅުންތެރިންނާ ބައްދަލު ކުރަން ޖެހުމުން، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަސްތީނަށް އޮތް ލޯތްބާއި ގަދަރު ހާމަކޮށްދިނުމުގެ ގޮތުން މެޗް ދޫކޮށްލައިފައެވެ.