ކޮވިޑް-19 ބަލީގައި މިހާތަނަށް 50،000 މީހުން މަރުވި 5 ވަނަ ގައުމަށް އިނގިރޭސިވިލާތް ވެއްޖެއެވެ.
އިނގިރޭސި ސަރުކާރުން ހާމަކުރި ތަފާސްހިސާބުން ދައްކާގޮތުން، ކޮވިޑްބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރުވަނީ 50،365 އަށް އަރާފައެވެ.
އިނގިރޭސިވިލާތް ފިޔަވައި، ކޮވިޑްބަލީގައި މަރުވި މީހުންގެ އަދަދު މީގެކުރިން ބައިލައްކައަށް އަރާފައިވާ ގައުމުތަކަކީ، އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި މެކްސިކޯ ކަމަށް، މިބަލީގައި މަރުވާ މީހުންނާއި، ބަލިޖެހޭ މީހުންގެ ރެކޯޑް އެއްކުރާ ޖޯންސް ހޮޕްކިންސް ޔުނިވރސިޓީން ބުނެފައި ވެއެވެ.
އިނގިރޭސިވިލާތުން ކޮވިޑްބަލީގައި މަރުވި ކަމަށް މިއަދު ހާމަކުރި އަދަދަށް ވުރެންވެސް ގިނަ މީހުން ބަލީގައި މަރުވެފައިވާނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. ސަބަބަކީ، މިހާރު ހާމަކޮށްފައިވާ އަދަދަކީ ހަމައެކަނި ބައްޔަށް ޕޮޒިޓިވް ވުމަށްފަހު މަރުވި މީހުންނަށް ވުމުންނެވެ.
ކޮވިޑާ ގުޅުންހުރި އެހެނިހެން އަލާމާތްތަކުގައި މަރުވި މީހުން، ކޮވިޑްބަލީގައި މަރުވި މީހުންގެ ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.
އިނގިރޭސިވިލާތް ހިމެނިފައިވަނީ، ޔޫރަޕް ސަރަހައްދުގެ ގައުމުތަކުން ކޮވިޑްބަލީގައި މިހާތަނަށް އެންމެ ގިނަމީހުން މަރުވި ގައުމަށެވެ.
އެގައުމުގައި ކޮވިޑްބަލި އަލުން ފެތުރޭން ފެށުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިހާރުވަނީ އަންނަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މުޅި ގައުމު ލޮކްޑައުން ކުރައްވާފައެވެ.
ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ، ކޮވިޑްބަލި ފުރަތަމަ ފެތުރުއިރާ އަޅާބަލާއިރު، ބަލީގެ ދެވަނަ ރާޅާ ކުރިމަތިލުމަށް އިނގިރޭސިވިލާތް އޮތީ، ފުރިހަމަ ވަސީލަތްތަކާއެކު ތައްޔާރަށް ކަމަށެވެ.