އުނގެނެން އެހީތެރިކަން ބޭނުންވާ ދަރިވަރުނަށް ހާއްސަ ފޮތެއް ނެރެފިއެވެ.
މި ފޮތަކީ އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން ޑރ. ފާތިމަތު ނިޝާން ތައްޔާރުކުރެއްވި ފޮތެކެވެ.
"އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުން: ބެލެނެވެރިންނަށް އެހީއެއް" މި ފޮތް ނެރެދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ.
މި ފޮތް ނެރެދެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ފޮތަކީ އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާއިމެދު ބެލެނެވެރިންނަށް މައުލޫމާތު ހިއްސާކުރުމުގެ މަގުސަދުގައި ލިޔެ ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ފޮތް ނެރެދެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ދަރިވަރުން ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ގިނަވި ކަމަށާއި މި ފޮތުގެ ސަބަބުން ގޭގައި ގިނަ ވަގުތު ތިބޭ ދަރިވަރުންނަށް ޚާއްސަކޮށް ބެލެނެވެރިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އިލްމީ ފޮތްތައް ނެރެދެއްވުން އެއީ ރަނގަޅުކަމެއްގެ ގޮތުގައި ގަބޫލު ކުރައްވާކަމަށް ވިދާޅުވި އެވެ.
"ވަރަށް ރަނގަޅު ފޮތެއް މިއީ. މި ކޯވިޑް-19ގެ ހާލަތަށް ބަލާއިރު ގޭގައި ތިއްބަވައިގެން ޚާއްސަކޮށް ބެލެނެވެރިންނާއި ދަރިވަރުންނަށް ތައުލީމަށް އެހީތެރިކަން ފޯރު ކޮށްދެއްވުމަށްޓަކައި އެހީއަކަށް ވެގެންދާނެ. މިކަހަލަ އިލްމީ ފޮތްތަށް ގިނަވި ވަރަކަށް ކުދިންގެ ތައުލީމަށް ކުރިއެރުން ލިބިގެންދާނެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިލްމީ ބޭފުޅުން މި ކަހަލަ ފޮތެއްގެ މަސައްކަތް ކުރެއްވުން އެއީ ރަނގަޅު ކަމެއް." މިނިސްޓަރ ވިދާޅުވި އެވެ.
ޑރ. ފާތިމަތު ނިޝާން ވިދާޅުވީ މި ފޮތް އީ ބުކްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނަށް ހަދިޔާކުރެވި އެ ޑިޕާޓްމަންޓުގެ ވެބްސައިޓުން ހުރިހާ ބެލެނެވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތުން ގޭގައި ގިނަ ވަގުތު ހޭދަކުރާ ދަރިވަރުންނަށާއި ބެލެނެވެރިންނަށް އެހީއަކަށް މި ފޮތް ވެގެންދާނެ ކަމަށް ޑރ. ފާތިމަތު ނިޝާން ވިދާޅުވި އެވެ.
"ކޯވިޑް-19ގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އަދި އެކުދިންގެ ބެލެނެވެރިންނަށް އުނދަގޫ ވެގެންދިޔަ ގޭގައި ތިބެން ޖެހުމުގެ ސަބަބުން އުނގެނުމަށް. ކުދިން އުނގެނުމުގެ މަސައްކަތް ކުރުމުގައި އެކުއްޖެއްގެ ހުންނަ ދަތިކަމަށް ބަލައިގެން އެހީތެރިވެދޭނެ ގޮތްތައް ފޮތުގައި ހިމެނިފައި ވާނެ." ޑރ. ފާތިމަތު ނިޝާން ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން އިތުރު ދެ ފޮތެއް ނެރެން ހަމަޖެހިފައިވާ ކަމަށް ޑރ. ނިޝާން ވިދާޅުވި އެވެ. މިއީ އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަަރިވަރުންގެ މައުލޫމާތު ބެލެނެވެރިންނަށް ދިވެހި ބަހުން ލިޔެ އުފެއްދުނު ފުރަތަމަ ފޮތެވެ.