ފީފާ ވޯލްޑް ކަޕް ކޮލިފައިން ސައުތު އެމެރިކާ ޒޯނުގައި ކޮވިޑް-19 ގެ ސަބަބުން ކެޕްޓަން ލިއޮނަލް މެސީ އާއި ކޯޗް ލިއޮނަލް ސްކޮލާނީ ނުލައި ޗިލީގެ މައްޗަށް 2-1 އިން އާޖެންޓީނާ ކުރި ހޯދައިފިއެވެ.
ރާއްޖޭ ގަޑިން ރޭ ފަތިހު ފެށި މިމެޗުގައި ދެޓީމުގެ ފަރާތުންޗެސް ފިޒިކަލް ފުޓްބޯޅައެއް ފެނިގެންދިޔައިރު އާޖެންޓީނާއިން ލީޑް ނެގީ މެޗުގެ 9 ވަނަ މިނެޓުގައި، މިމެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ތަޖުރިބާކާރު ވިންގަރ އެންހެން ޑިމަރިއާ ޗިލީގެ އޭރިޔާގެ ބޭރުން ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ. އެކަމަކު އޭގެ އެގާރަ މިނެޓްފަހުން ބެން ބެރެރެޓޮން ޑިއަޒްގެ ލަނޑުން ޗިލީއިން އެއްވަރުކުރުމާއެކު މެޗުގެ ފޯރި ގަދަ ވެގެންދިޔައެވެ. މިލަނޑަށްފަހު ޗިލީއިން ވަނީ ކައިރިކައިރީގައި ނުރައްކާތެރި ހަމަލާތަކެއް އާޖެންޓީނާގެ ގޯލަށް އަމާޒުކޮށްފައެވެ. އެކަމަކު އެމިލިއާނޯ މާޓިނޭޒް ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
މެޗުގައި އާޖެންޓީނާއިން ދެވަނަ ފަހަރަށް ލީޑް ނެގީ 34 ވަނަ މިނެޓުގައި ފޯވާޑް ލައުރާޓޯ މާޓިނޭޒްގެ ލަނޑުންނެވެ. މިއީ ޗިލީގެ އޭރިޔާގެ ބޭރުން މިޑްފީލްޑަރު ޑިޕައުލް އުއްޑައެއްހެން ފޮނުވާލި ބާރު ހަމަލާއެއް ޗިލީގެ ކީޕަރު އަތުގައި ޖެހިފައި އޭރިޔާގެ ތެރެއަށް ވެއްޓުނު ވަގުތު ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މާޓިނޭޒް ކާމިޔާބު ކުރި ލަނޑެކެވެ.
ޖުމްލަ ސައްބީސް ފައުލާއި 9 ރީނދޫ ކާޑް ފެނިގެންދިޔަ މިމެޗުން ޗިލީއަށް މޮޅު ނުވެވުމުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ދޮރު އެގައުމަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މިހާތަނަށް ކުޅުނު 15 މެޗުން ހޯދުނު 16 ޕޮއިންޓާއެކު ޗިލީ އޮތީ ކޮލިފައިން ޓޭބަލްގެ 7 ވަނައިގައެވެ. ވޯލްޑް ކަޕުން ސީދާ ޖާގައެއް ޗިލީއަށް ކަށަވަރު ކުރެވެން އޮތީ ބާކީ އޮތް ތިން މެޗުން މޮޅުވެގެންނެވެ. ޗިލީއަށް ބާކީ އޮތީ ބޮލީވިއާ ، ބްރެޒިލް އަދި އުރުގުއޭއާ ދެކޮޅަށް ކުޅެން ޖެހޭ ތިން މެޗެވެ.
10 ގައުމު ވާދަކުރާ ސައުތު އެމެރިކާ ޒޯނުން ވޯލްޑް ކަޕަށް ކޮލިފައިވާނީ ލީގް އުސޫލުން ކުޅޭ ކޮލިފައިން ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ގައުމެވެ. މިހަތަރު ޖާގައިގެ ތެރެއިން ބްރެޒިލް އާއި އާޖެންޓީނާ މިހާރުވެސް ވަނީ ދެޖާގަ ކަށަވަރުކޮށް ވޯލްޑް ކަޕަޑް ކޮލިފައި ވެފައެވެ. ބާކީ އޮތް ދެޖާގައަށް އެންމެ ބޮޑަށް ވާދަކުރަނީ އިކްއެޑޯރާއި އުރުގުއޭ، އަދި ކޮލަމްބިއާ އާއި ޕެރޫއެވެ. ކޮލިފައިން ނިމޭއިރު ފަސްވަނައަށްދާ ގައުމަށް، އޯޝޭނިޔާ ބައްރުން އެއްވަނައަށްދާ ގައުމާ ދެކޮޅަށް ޕްލޭއޯފް ކުޅެން ފުރުސަތު ލިބޭނެއެވެ.
ސައުތު އެމެރިކާ ޒޯނުގައި ރޭ ކުޅުނު ކޮލިފައިންގެ އެހެނިހެން މެޗުތަކަށް ބަލާއިރު ބްރެޒިލް އާއި އިކްއެޑޯ ބައްދަލު ކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ލުއިޒް ސްއަރޭޒްގެ ހަމައެކަނި ލަނޑުން 1-0 އިން ޕެރަގުއޭ ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު އުރުގުއޭއިން ވަނީ އާކޮށްފައެވެ.