މިއަހަރުގެ ޖުލައި 26 ނުވަތަ ރާއްޖޭގެ މިނިވަން ދުވަހަށް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ ސީއީއޯ "ހަލި" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިއަހަރުގެ މިނިވަންދުވަހަށް އެއާޕޯޓު ހުޅުވޭނޭހެން މަސައްކަތް ނިންމުމަށް،" ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓު ހަވާލު ކުރާނީ ރަސްމީކޮށް ޝެޑިއުލް ފުލައިޓު ޖެއްސޭވަރަށް ތައްޔާރުކޮށްފައި ކަމަށެވެ.

އެތަނަށް ބޭނުންވާ މައިގަނޑު ހުރިހާ ސާމާނެއް މިހާރުވަނީ އެރަށަށް ޖަމާކުރެވިފައި ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއާޕޯޓުގެ އޭބީސީ ފަށަލައިގެ މަސައްކަތް ވެސް މިހާރު ވަނީ މުޅިން ނިމިފައި ކަމަށެވެ. ދެންކުރިއަށްދާނީ ތާރު އެޅުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެނަސް އެމަސައްކަތް ފަށާނެ ވަކި ތާރީޚެއް ވިދާޅެއް ނުވެއެވެ. މިހާރު ކުރިއަށްދަނީ ފަޔަރބިލްޑިންގާއި ޓަރމިނަލްގެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް ހަދަނީ ފަސް ފަޅުރަށެއް ގުޅުވައިގެންނެވެ. އެމަސައްކަތް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

އެމްޓީސީސީން ފުރަތަމަ މަސައްކަތްކުރީ މިދިޔައަހަރު ނޮވެމްބަރަށް އެއާޕޯޓު ނިންމުމަށެވެ. އެހެންނަމަވެސް ކޮވިޑާ ހެދި ދަތުރުފަތުރަށް ދިމާވި ދަތިތަކުގެ ސަބަބުން މަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމަށް ހުރަސް އެޅުނެވެ. އެއަށްފަހު އެމްޓީސީސީން މަސައްކަތްކުރީ މިއަހަރު މެއި މަހަށް މަސައްކަތް ނިންމުމަށެވެ. މިހާރު މިވަނީ ޖުލައިއަށް ލަސްވެފައެވެ.

އާޒިމް ވިދާޅުވީ މިހާރު އެއަރޕޯޓުގައި އެންމެ ބާރަށް ކުރިއަށްދަނީ ޓަރމިނަލްގެ މަސައްކަތާއި ފަޔަރ ބިލްޑިންގެ މަސައްކަތް ކަމަށެވެ. މި އެއާޕޯޓުގެ މަސައްކަތުގެ އަގަކީ 144.88 މިލިއަން ރުފިޔާއެވެ.

މި އެއަރޕޯޓަކީ ފަރެސްމާތޮޑާގެ ރައްޔިތުންގެ އިތުރުން އެރަށާ ކައިރި ރަށްރަށު މީހުންގެ އުންމީދާ ގުޅިފައިވާ ޚާއްސަ މަޝްރޫއެކެވެ. އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ފަސޭހަތަކެއް ލިބުމުގެ އިތުރުން އެސަރަހައްދަށް އިގްތިސާދީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެރަށްރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.

ފަރެސްމާތޮޑާގެ އާބާދީއަކީ 1786 އެވެ. އޭގެތެރެއިން ރަށުގައި އުޅެނީ ގާތްގަނޑަކަށް 1300 އެއްހައި މީހުން ކަމަށް އެރަށުގެ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

ފޮޓޯތައް: އަހުމަދު އިމްތިޔާޒް