ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނީ ރާއްޖެމަގުން އެހެން ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ ބޯޓުފަހަރަށް ކަނޑުމަތީން ބަޑިޖަހައި ފައްތާލައިގެން ކަމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ރާއްޖެ އެތެރެކުރާ ގިނަ މަސްތުވާތަކެއްޗަކީ، ރާއްޖެ މެދުވެރިކޮށް އެހެން ގައުމުތަކަށް ފޮނުވުމަށް އެތެރެކުރާ ތަކެތި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުންނެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިދިމަދިމާއިން ވަރަށް ގިނައިން ޑްރަގް ފެނިފައިވާ ކަމަށެވެ. މިދިޔަ އަހަރުވެސް ވަނީ ގިނަ އަދަދަކަށް ޑްރަގު އަތުލައިގެންފައި ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އެތެރެކުރާ ގިނައަދަދެއްގެ މަސްތުވާތަކެއްޗަކީ އެހެން ގައުމަކަށް ގެންދިޔުމަށް ރާއްޖޭގައި ފޮރުވުމަށް އެތެރެކުރާ އެއްޗެހި ކަމަށް ގަބޫލު ކުރައްވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އުމަރު ނަސީރަކީ ރާއްކެއިން މަސްތުވާތަކެއްޗާއި ވައްކަމާއި ކޮރަޕްޝަން ފިލުވާލައި އިސްލާމީ ޝަރީއަތް ރާއްޖޭގައި ފުރިހަމައަށް ހިންގާނޭ ކަމަށް ވިދާޅުވަމުން ގެންދަވާ ލީޑަރެކެވެ. ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުވެސް އުމަރު ވަނީ ރާއްޖެއިން މަސްތުވާތަކެތި ހުއްޓުވުމަށް އެތައް މަސައްކަތެއް ކުރައްވައިފައެވެ.