ފަހަކަން އައިސް މީސްމީޑިއާގެ އެކި ފާރުތަކުން ފެންނަނީ މީހުންގެ ބޭވަފާތެރިކާއި މަކަރުވެރިކަމާއި ހީލަތުގެ މަޅީގައި ޖެހުނު ވާހަކަތަކެވެ. މީގެތެރެއިން ގިނަވާހަކަތައް ގުޅިފައިވަނީ ލޯބިވާ އަދި އިތުބާރުކުރެވޭ ފަރާތްތަކުން ދިން ކެހި ތަކަށެވެ. އެންމެ ބޮޑަށް ބަރޯސާވި މީހުންގެ ފަރާތުން ލިބުނު އަނިޔާ އަށެވެ. ހިތާމަޔާއެކު ދަންނަވަން ޖެހެނީ މިހެން މިވާން ޖެހެނީ ދިވެހި އަދަބީ ބަހުގައި ބުނާފަދައިން ރުހުމުގެ ލޮލަށް އައިބު ނުފެނުނީމަ އެވެ.

ތިމާގެ އަމިއްލަ ދަރިކަމުގައިވިޔަސް ޙަޔާތުގެބައިވެރިޔާ އަދި އެންމެ ގާތް އެކުވެރިޔާ ނުވަތަ ލޯބިން މަރުދޭ ޕާޓީ ކަމުގައިވިޔަސް ގޯހެއް ހަދަންޏާ އެކަން ދެނެގަންނާށެވެ. ތިމާގެ ބުއްދިއާއި ވިސްނުން ކުރިއަށް ނެރޭށެވެ. ކަނޑައެޅިގެން ދޮގާއި ހީލަތް ހަދާކަން އެނގޭއިރު އެ ދަލުގައި ޖެހި މަޅިތަކުން ނުނުކުމޭވަރަށް ތާށިނުވާށެވެ.

ލޯބިވެގެން ރައްޓިހެވެގެން އެތައް ދުވަހެއްވާއިރު ކައިވެނީގެ ވާހަކަ ނުދައްކާނަމަ، ތިބާދެކެ އޭނާ ވަނީ ހަޤީގީ ލޯބިތޯ ވިސްނާށެވެ. ތިބާ ކައިވެނީގެ ވާހަކަ ދައްކާއިރަށް އެކަން ލަސްކުރާނަމަ ސަބަބު ދެނެގަންނާށެވެ. ބުއްދި އިސްކުރާށެވެ. ފެންނަ މަންޒަރާއި އިވޭ އަޑުތަކަށް ބީރުކަންފަތެއް ދީގެން ލޯތްބަކީ ލޯކަނު އެއްޗަކަށް ނުހަދާށެވެ.

ތިބާއާއި ގުޅުނީ އަނބިމީހާގެ ފަރާތުން ލޯބި ނުލިބޭތީ ކަމަށް ބުނާ ފިރިހެނުންނާމެދުވެސް ވިސްނާށެވެ. އަނބިމީހާފަރާތުން ލޯބި ނުލިބި ދެމަފިރިން އެތައް ދަރިއަކު ހޯދާ އެތައް ޒަމާނަކު އުޅުނީ ކިހާވަރެއްގެ މަޖޫބޫރު ކުރުމެއް އޮތީމާތޯ އަމިއްލައަށް ދެނެގަންނާށެވެ. ތިބާ ފަދައިން އޭނާއާއިވެސް އިނީ ލޯބިންކަމަށް ނުވާނެ ހެއްޔެވެ؟ ރާއްޖޭގައި އާއިލާއިން މަޖުބޫރުކޮށްގެން ގަދަކަމުން ކައިވެނި ކުރުވާ ވާހަކަ އަޑު ނާހަމެވެ. އެހެންކަމުން ތިބާދެކެ ލޯބިވެގެން އަންނަ އެ ބައިވެރިޔާދެކެ ކިތަންމެ ލޯބިވިޔަސް އޭނާގެ އަމަލުތަކާއި ދައްކާވާހަކަ ދިމާވޭތޯ ބަލަން ޖެހެއެވެ. ލޯބިވިޔަސް އެލޯބީގެ މައްޗަށް ސިކުނޑީގެ ބާރު ފޯރުވޭ މީހަކަށް ވާންޖެހެއެވެ.

ލޯބިވާ އަދި ރުހޭމީހުން ކުރާ ނުރަނގަޅު ކަންތަކާއި ދައްކާ ދޮގުވާހަކަތައް ތިބާއަށް ނުއެނގޭނަމަ އެއީ އުނި ކަމެކެވެ. ކިތަންމެ ލޯބިވިޔަސް ދުވާލަކީ ރޭގަނޑުކަމަށް ބުނުމުންގަބޫލުކުރާ ފެންވަރަށް އަނދިރި ނުވާށެވެ. ކިތަންމެ ރުހޭ ބަޔަކުނަމަވެސް ކަނޑައެޅިގެން ބުހުތާން ދޮގު ހަދަމުންދާއިރު ހިތާއި ރޫހުން ސާބަސްދީ އަތް ނުޖަހާށެވެ. ދުނިޔަވީ ހަޔާތުން ތެދާއި ދޮގު ވަކިކުރުމުގެ ގާބިލުކަން ލިބިގަންނާށެވެ. އަވާމެންދުރަކަށް ހެއްލިގެނގޮސް ނަފުސު ގުރުބާން ނުކުރާށެވެ. ރުހުމުގެ ލޮލަށްވެސް އައިބު ފެންނަ ވަރުގެ ބުއްދިއެއް ހުރި ޤާބިލު މީހަކަށް ވާށެވެ.