ބަދުއަޚްލާގީ ވީޑިއޯއަކަށް، ޗައިނާ ސަފީރުގެ ޓުއިޓާ އެކައުންޓުން ލައިކް ދިން މައްސަލައެއް ބަލައި ދިނުމަށް ޗައިނާ ސަރުކާރުން ޓުއިޓާގައި އެދިއްޖެއެވެ. މި މައްސަލަ ދިމާވެފައި ވަނީ، ލަންޑަންގައި ހުންނަވާ ޗައިނާގެ ސަފީރު ލިއު ޝިއާއޮމިންގގެ އެކައުންޓުން އެކްސްރޭޓެޑް ބަރަހަނާ ވީޑިއޯއަކަށް ލައިކް ދީފައިވާކަން ހާމަވުމާ ގުޅިގެންނެވެ. މި ވާހަކަ ރިޕޯޓްކޮށްފައިވާ ނިއުޔޯރކް ޓައިމްސްއިން ބުނެފައިވަނީ، މި އެކައުންޓުން ލައިކް ދިނުމުގައި އާދަޔާޚިލާފް ގޮތްތަކެއް ގެންގުޅެފައިވާ ކަމުގެ ތާރީޚެއް އޮތްކަން ހާމަވެއެވެ.

ބުދަ ދުވަހު، ހިނގާފައިވާ މިކަމުގައި ޗައިނާއިން ތުހުމަތު ކުރާ ގޮތުގައި، ސަފީރުގެ އެކައުންޓް އެއޮތީ ކޮމްޕްރޮމައިސް ވެފައެވެ. އަދި ހަރުކަށި އިބާރާތުން މކަން ކުށްވެރިކޮށް، ޗައިނާއިން އެދިފައިވަނީ ޓުއިޓާއިން މި މައްސަލަ ތަހްގީގު ކުރުމަށެވެ.

މިސްމީޑިއާގައި މިކަން ބޮޑު ބަހުސަކަށްވެ، މިއީ އޮޅުމަކުން ވީކަމެއްތޯ ނުވަތަ މިއީ، ސަފީރުގެ އެކައުންޓް ހެކްކުރެވިގެން ދިމާވި ކަމެއްތޯ އޮޅުން ފިލުވަން މީހުން ވަނީ މަސައްކަތް ކޮށްފައެވެ.

ނިއުޔޯރކް ޓައިމްސްއިން ލަފާ ކުރާ ގޮތުގައި މިވައްތަރުގެ ޓެކްނޮލޮޖީއަށް ނުފަރިތަ، ސަފީރު ލިއު ގެންދަވަނީ މި ޕްލެޓްފޯމްގައި ހުނަރު އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ޗައިނާގައި މަނާކޮށްފައިވާ ޓުއިޓާއަކީ، ޗައިނާގެ ސަފީރުންނަށް ޗައިނާއާ ދެކޮޅުވެރި ވާހަކަތަކަށް ރައްދިނުމަށް އޮންނަ އެންމެ މުނާސިބު ވަސީލަތެވެ.