އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުންދިޔަ ސާބިޔާގެ އުއްމީދީ ފޯވާޑް، ޑުސާން ލަހޮވިޗް ގެންދަން އާސެނަލްއިން މަސައްކަތް ކުރަމުން ދަނިކޮށް އެކްލަބަށް ނޫނެކޭ ބުނުމަށްފަހު ޔުވެންޓަސްއަށް ރޭ ސޮއި ކޮށްފިއެވެ.

މީގެ އަހަރެއްހައި ދުވަސް ކުރިން ފެށިގެން އާސެނަލްއިން ޝައުގުވެރިކަން ފާޅު ކުރަމުން ދަނިކޮށް އެކްލަބަށް ނޫނެކޭ ބުނުމަށްފަހު ޔުވެންޓަސްއަށް ލަހޮވިޗް،22، ސޮއި ކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަހަރަކަށް 7 މިލިޔަން ޔޫރޯގެ މުސާރަ އަކަށެވެ. ޓްރާންސްފާ ފީގެ ގޮތުގައި ޔުވެންޓަސްއިން ފިއޮރެންޓީނާއަށް ދައްކަން ޖެހެނީ 75 މިލިޔަން ޔޫރޯއެވެ.

މިސީޒަނުގައި މިހާތަނަށް 20 ލަނޑު ކާމިޔާބު ކޮށްފައިވާ ލަހޮވިޗް މިފަހާރު ހިނގަމުންދާ ފިނިމޫސުމުގެ ޓްރާންސްފާ މާކެޓުގައި އާސެނަލްއަށް ގެނައުމަކީ އެކްލަބުގެ ކޯޗް މިކޭލް އާޓެޓާގެ އެންމެ ބޮޑު އަމާޒުކަމުގައި އޮތީ ހަދާފައެވެ.

ލަހޮވިޗް، ޔުވެންޓަސްއަށް ސޮއި ކުރުމަށްފަހު 7 ނަންބަރު ޖާޒީ ދައްކާލަނީ. ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގައި ލަހޮވިޗް ބޭނުން ކުރާނީ މިދިޔަ ތިން ސީޒަނުގައި އެކްލަބަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުން ކުރި 7 ނަންބަރު ޖާޒީއެވެ. ޔުވެންޓަސްއަށް ސޮއި ކުރުމަށްފަހު ލަހޮވިޗް ބުނީ ޔުވެންޓަސް އިހްތިޔާރު ކުރީ އެކްލަބަކީ ބޮޑެތި ކާމިޔާބީތަކަށް ހޯދުމަށް އެއްއާއިލާއެއްގެ ގޮތުގައި އަމާޒު ހިފާ ކްލަބަކަށް ވުމުގެ ސަބަބުން ކަމަށެވެ.

"މިއީ އަހަރެންގެ އެންމެ އުފާވެރި އުފަންދުވަސް. ޔުވެންޓަސްގައި އަހަރެން މަސައްކަތް ކުރާނީ ހުރިހާ ކާމިޔާބީތަކެއް ހޯދުމަށް. މިކްލަބަކީ މުއްސަނދި ތާރިހެއް އޮތް ކޮންމެ ކުޅުންތެރިޔަކުވެސް ގަޔާވާނެ ކްލަބެއް" އިއްޔެ 22 ވަނަ އުފަން ދުވަސް ފާހަގަ ކުރި ލަހޮވިޗް ބުންޏެވެ.