ސިޔާސީ ބޭނުންތައް ފުއްދުމަށްޓަކައި ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގޮވާލައްވައިފި އެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ޕޯސްޓަރެއްގައި ޝަހީދު ހުސެއިން އާދަމްގެ ފޮޓޯއެއް ހިމަނައި ކުޅުދުއްފުށީގައި އިއްޔެ ވަނީ ހަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ.

އެކަމާއި ނުރުހުންވެ ދާއިރާގެ މެމްބަރު ޔާސިރު ވަނީ ރައީސް ޔާމީނުގެ އަރިހުން މިކަން ހުއްޓުމަށް ގޮވާލާފައެވެ. ޝަހީދު ހުސައިން އާދަމްއަކީ ދިވެހިރާއްޖޭގެ ބަތަލެއް ކަމަށާއި ހާއްސަކޮށް ކުޅުދުއްފުށީ ރައްޔިތުންގެ ފަހުރެއްކަމަށް ޔާސިރު ވިދާޅުވި އެވެ. އެހެންކަމުން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދަން ލަދު ގަންނަން ޖެހޭކަމަށް ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވަނީ ރައީސް ޔާމީނާއި އިދިކޮޅުން އަދަބު އަހުލާގެއް ބެހެއްޓުމަށް ގޮވަލާފަ އެވެ.

https://twitter.com/YasirLathyf/status/1487122930031300608

މީގެއިތުރުން ކުޅުދުއްފުށީގެ މޭޔަރ މުހައްމަދު އާތިފްވެސް ވަނީ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ އިންޑިއާ އައުޓް ޕޯސްޓަރެއްގައި ބޭނުންކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އާތިފް ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯއަކީ ބަޔކު ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށާއި، މިއީ ރައްޔިތުންގެ ލެޔާއި ކުޅުން ފަދަ އަމަލެއް ކަމަށެވެ.

https://twitter.com/ArthifKFCity/status/1487277245211168772

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ހިންގާ މި ހަރަކާތަކީ ސިޔާސީ ބޭނުމެއް ފުއްދުމަށްޓަކައި ރައީސް ޔާމީން ކުރިޔަށް ގެންދާ ހަރަކާތެއްކަމަށް ސަރުކާރުގެ މެމްބަރުން ތުހުމަތު ކުރެ އެވެ. މިއީ އަވައްޓެރި ގައުމުތަކާއި މެދު ނަފްރަތު އުފެއްދުންކަމަށާއި، މި އަމަލުގެ ސަބަބުން ގެއްލުންތަކެއް ދިމާވެދާނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވެއެވެ.

ސަރުކާރު މެމްބަރުން ގަބޫލު ކުރާ ގޮތުގައި އިންޑިއާއ އައުޓް ކެމްޕެއިނަކީ އެއްވެސް އަމާޒެއް ނެތް، ހަރަކާތެކެވެ. އަދި ރާއްޖޭގެ ރައީސްކަން ކުރައްވާފައި ހުރި ބޭފުޅަކަށް ވެ ހުރެ ރައީސް ޔާމީންގެ ފަރާތުން މި ފަދަ އަމަލެއް ފެނުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.