ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކޮވިޑު ބަލިން ފަސޭހަފުޅު ވެއްޖެެއެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނު މިހާރު ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.

އެމަނިކުފާނުި ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ކޯލިޝަނުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑުއަށް ވަޑައިގަތުމަށް ޕީސީއާރު ޓެސްޓު ހެއްދެވުމުން މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އަމަލު ކުރަމުން އަންނަ އުސޫލު ބުނާގޮތުން ކޮވިޑަށް ޕޮޒިޓްވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ، އެމީހަކު ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހުގެ މުއްދަތަށެވެ.

އެ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެއެވެ. ނަމަވެސް ބަލީގެ އަލާމާތެއް ހުރި ނަމަ، ކަރަންޓީނު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުންނެވެ.

ރައީސް ސޯލިހު ޕޮޒިޓިވް ތާ ހަތް ދުވަސް ހަމަވެފައިވަނީ އިއްޔެއަށެވެ. ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނުގެ ހަާލުކޮޅު ރަނގަޅު ކަމަށެވެ.