ޙުސައިން ޞަލާޙުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި ވެއެވެ. ކީރިތި ރަސޫލާ، މައްކާގެ މުޝްރިކުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުން، ގުރައިޝުވަންހައިގެ ކާފަރުންގެ އެންމެން އެއްބަސްވެ އިތުރު އެކަލޭގެފާނުގެ ގައިކޮޅަށް އަރައިގަތުމަށް ތައްޔާރުވެގަތީމާ، އެކަލޭގެފާނުން އެއް ދުވަހަކު ޠާއިފަށް ވަޑައިގަތުމަށް މައްކާއިން ނުކުމެވަޑައިގެންފިއެވެ. މި ނުކުމެވަޑައިގަތީ ނަބީކަމުން 10 ވަނަ އަހަރުގެ ޝައްވާލު މަހުގައެވެ. އިތުރު އެކަލޭގެފާނުގެ އަރިހުގައި، އެކަލޭގެފާނު މިނިވަންކުރެއްވި ޒައިދު ބުން ޙާރިޘަތު ވަަޑައިގަތެވެ. މި ވަޑައިގަތީ ސަޤީފް ވަންހައިގެ މީހުން އިސްލާމްވޭތޯ ނުވަތަ އެކަލޭގެފާނަށް ނަސްރެއްދޭތޯ އެދިވަޑައިގެންނެވެ. ސަޤީފް ވަންހައިގެ ބޮޑުންނަކަށް އެ ވަގުތުގައި ތިބީ އެއްބަނޑު އެއްބަފާ ތިން ބޭންނެވެ. މި ތިން މީހުންނާ މަޖިލިސްކުރައްވައި ވާހަކަފުޅުދައްކަވައި ދީނަށް ގޮވައިލައްވައި ހެއްދެވީމާ، އެ ތަނުން އެކަކު ދިން ޒުވާބަކީ މާތްރަސްކަލާނގެ ކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވިކަމުގައި ވެއްޖައީވިއްޔާ ތިމަން ގޮސް އެ ކަލާނގެ ގެފުޅުގެ އުރަފުޅު ވީދާފައިހުށީމެވެ. އަނެކަކުގެ ޒުވާބަކީ މާތް ކަލާނގެއަށް ކަލޭގެފާނު ނޫނީ ރަސޫލުކަމައިގެން ފޮނުއްވާނޭ މީހަކު ފެނިވޮޑިނުގަތީބާވައެވެ. އަނެކަކުގެ ޒުވާބަކީ ތިމަންނާއަކަށް ކަލޭގެފާނަކާ ތިޔަ ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނެވެ. މިހެނީ ކަލޭގެފާނަކީ މާތް ކަލާނގެ ފޮނުއްވި ރަސޫލަކުކަމުގައި ވާނަމަ، ކަލޭގެފާނު ވީހީ އަހަރެ އަހަރެމެންނަށް ވާހަކަދައްކައި ޒުވާބުދީ އުޅެވޭވަރަށް ވުރެ ބޮޑު ގަދަރެއްގައެވެ. ދޮގުވެރިޔަކުކަމުގައި ވާނަމަ، ތިޔަ ކަހަލަ ދޮގުވެރިންނާ ވާހަކަދައްކާ އުޅޭ ވަރަށް ވުރެ މަގޭ ގަދަރު މާ ބޮޑެވެ. ދެން އިތުރު އެކަލޭގެފާނު ތެދުވެ ވަޑައިގަތުމުން އޭގެ ތިން މީހުން ދަންނަވައިފޫއެވެ. ކަލޭގެފާނުގެ ތިޔަ ރަސޫލުކަމައިގެން ކޮންމެ ވެސް މި ރަށުގައި ނުހުންނަވާށެވެ. އެހެން ކޮންމެ ވެސް ބިމަކަށް ވަޑައިގަންނަވާށެވެ. ދެން ހިންގަވައިގަތުމުން އެ މީހުންގެ ހޭ ނުޖެހޭ ޒާތުގެ މޮޔައިންނާއި ކުދިވެރިން އެކަލޭގެފާނާ ފާކޮށް އެކަލޭގެފާނުގެ ފައިތިލަފުޅަށް ހިލަ އުކައި ހަޅޭއްލަވައިހަދަން އަމުރުކޮށްފޫއެވެ. ދެން މަގުގެ ދެ ފަރާތުގައި މި ބައި މީހުން ދެ ސަފަށް އިށީނދެ ތިބެގެން އެކަލޭގެފާނުން އަޅުއްވައި ކޮންމެ ފިޔަވަޅުފުޅަކަށް އެތައް ހިލައެއް އުކައި ހަޅޭއްލަވައި އުޅެތެވެ. އިތުރު އެކަލޭގެފާނުގެ ދެފައިންޕުޅުން އޮހޮރޭ ލެއިން ފައިވާންޖޯޑުކޮޅު ރަތްވެއްޖެއެވެ. އެކަލޭގެފާނަށް މި ކަމުގެ ވޭން ލިބިވަޑައިގެން ވަރުފުޅު ބަލިވެގެން އިށީނދެވަޑައިގެންފިއްޔާ އައިސް ދެ މުދައްދަނޑިފުޅުގައި ހިފައި ނަގާފައި ދަންނަވަތެވެ. ހަރުކޮށް ހިންގަވާށެވެ. ހަރުކޮށް ހިންގަވާށެވެ. އޭ ރަސޫލާއެވެ. ހަރުކޮށް ހިންގަވާށެވެ. މި ހާލުކޮޅުގައި ވަޑައިގަންނަވާ އިރު އެކަލޭގެފާނަށް އަރާ އެތިއެތިފަހަރުން އެކަލޭގެފާނުންނަށް ނިވާ އަޅުއްވަން އުޅުއްވާން ހައްދަވައިގެން ޒައިދު ބުން ޙާރިޘަތުގެ އިސްތަށިފުޅާއި ހަށިކޮޅުން އެތައް ތަނެއް ފެޅި، ކެނޑި ފާރުވެފައިވެއެވެ. މިފަދަ ޙާލުކޮޅުގައި ވަޑައިގެން ޠާއިފްގެ ރަށް ބޭރަށް ނުކުމެވަޑައިގެން އެ ތާނގައިވާ ބަގީޗާއަކަށް ވެދެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ދެން އެބައި މީހުން އެކަލޭގެފާނުން ދޫކޮށްލާފައި ރަށަށް އަރައްޖައޫއެވެ. މި ބަގީޗާއަކީ ރަބީޢަތުގެ އަތަބަތާއި ޝައިބަތާ، ދެ ދަރީންގެ ބަގީޗާއެކެވެ.

އަތަބަތާއި ޝައިބަތާ ދެބޭންގެ ބަގީޗާ: ފޮޓޯ އާތިފާ ޒަކަރިއްޔާ

އަލް ބުޚާރީ ވަ މުސްލިމު، މި ދެ ފޮތުގައި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ ޙަދީޘްތަކުގެ ތެރެއިންވެއެވެ. ޢާއިޝަތުގެފާނު، ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ކަލޭގެފާނުގެ މައްޗަށް އުހުދު ހަނގުރާމައިގެ ދުވަހަށް ވުރެ ވަކީން ކަންތައް ބޮޑުވި ދުވަހެއް އައިތޯއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަމަނާގެ ގައުމުގެ މީހުންގެ ކިބައިން ތިމަން ކަލޭގެފާނަށް އެ ޖެހުނުހައި ކަންތަކެއް ޖެހުނު އިރު، ތިމަން ކަލޭގެފާނަށް އެންމެ ކަންތައް ބޮޑުވެ ދަތިފުޅުވީ އަގަބަތުގެ ދުވަހުގައެވެ. މި ބަސްފުޅުގެ މުރާދަކީ، ޠާއިފަށް ވަޑައިގެން ޢަބްދުޔާލާލްމެންނާ ބައްދަލުވި ދުވަހުގައެވެ. ޢަބްދުޔާލާލްމެންނާ ބައްދަލުކުރެއްވި ތަނުގެ ނަމަކީ އަގަބަތެވެ. މިއީ، އަދި އަންސާރިއްޔަ ބޭކަލުންނާ ބައްދަލުކުރެއްވި އަގަބަތެއް ނޫނެވެ.

ދެން އެ ދުވަހުގެ ވާހަކަ އިތުރު އެކަލޭގެފާނުން ޢާއިޝަތުގެފާނަށް މިފަދައިން ބަޔާންކުރެއްވިއެވެ. އެ ދުވަހުގައި ތިމަން ކަލޭގެފާނުން ޢަބްދުޔާލާލްއާ ބައްދަލުކުރައްވައިގެން އެ ދެއްކެވި ވާހަކަފުޅުތަކަށް އޭނާ އިޖާބަ ނުދިނީމާ އެނބުރިވަޑައިގެން ވަރަށް ބޮޑު ހިތާމައާއި ނިކަމެތިކަމުގައި ވަޑައިގަންނަވަނިކޮށް ތިމަން ކަލޭގެފާނުގެ އަމިއްލަ ހަށިކޮޅުގެ މައްޗަށް ހޭފުޅުއެރީ ވެސް ޤަރުނުއްސަޢާލިބޭ ކިޔޭ ހިސާބަށް ވަޑައިގެންނެވިފައިވަނިކޮށެވެ. ދެން ކުއްލިއަކަށް މަތި ބައްލަވައިލެއްވި އިރު ވިލާގަނޑެއްގެ މަތިން ޖިބްރީލްގެފާނު ވަޑައިގަންނަވަތެެވެ. އެކަލޭގެފާނު ތިމަން ކަލޭގެފާނަށް ގޮވައިލައްވާފައި ވިދާޅުވެއެވެ. މާތްރަސްކަލާނގެ ކަލޭގެފާނުގެ ގައުމުގެ މީހުން ކަލޭގެފާނަށް ރައްދުކުޅަ ބަސްތައް އައްސަވައިވޮޑިގެންފިއެވެ. މާތްރަސްކަލާނގެ ކަލޭގެފާނުގެ އަރިހަށް ފަރުބަދަތަކުގެ މަލާއިކަތާ ފޮނުއްވާފައިވެއެވެ. ފަހެ، ކަލޭގެފާނު ހިތްޕުޅާ ހަމަކުރައްވާ ކަމަކަށް އެކަލޭގެފާނަށް އުމުރުކުރައްވާށެވެ. އެ ވަގުތުގައި ފަރުބަދަތަކުގެ މަލާއިކަތާ ތިމަން ކަލޭގެފާނަށް ވިދާޅުވިއެވެ. އޭ! މުޙައްމަދުގެފާނެވެ! މާތްރަސްކަލާނގެ ކަލޭގެފާނުގެ ގައުމުގެ މީހުން ކަލޭގެފާނުގެ މައްޗަށް ރައްދުކުޅަ ބަސްތައް އައްސަވައިވޮޑިގެން، ތިމަން ކަލޭގެފާނު، ކަލޭގެފާނުގެ އަރިހަށް ފޮނުއްވާފައިވެއެވެ. ފަހެ ކަލޭގެފާނުން ކުރައްވާނޭ އަމުރުފުޅެއް ކުރައްވާށެވެ. ކަލޭގެފާނުން ހިތްޕުޅާ ވަނީނަމަ، އަހުޝަބައިނީއޭ ކިޔޭ ދެ ފަރުބަދަ އެ މީހުންގެ މައްޗަށް ވައްޓަވައިލައްވާހުށީމެވެ. ތިމަން ކަލޭގެފާނުންނަށް ވިދާޅުވެވުނީ ނޫނެކެވެ. ނޫނެކެވެ. އެ މީހުންގެ ބުރިކަށިތަކުން ވެސް މާތްކަލާނގެ އެއްކައުވަންތަކަމަށް ހެކިވެ އެކަލާނގެ ކިބައަށް އަޅުކަންކޮށް ޝަރީކުނުކޮށް އުޅޭނޭ ބަޔަކު އެކަލާނގެ ނެރުއްވާފާނޭކަމަށް އެދިވަޑައިގަންނަވަމުއެވެ. މިހެން ވިދާޅުވެވުމުން ފަރުބަދަތަކުގެ މަލާއިކަތާ ދެންނެވިއެވެ. ކަލޭގެފާނުގެ ކަލާނގެ ކަލޭގެފާނަށް ނަން ދެއްވިފަދައިން ކަލޭގެފާނީ ރައޫފުއް ރަހީމް، އޯގާވެރި ރަޙްމަތްތެރި ބޭކަލެކެވެ. ދެން އޭގެ ދެ ބޭކަލުން ޣައިބުވެއްޖެއެވެ.

ﷲ އަކްބަރު! މިއަދު ޠާއިފަކީ އިސްލާމީ ޙަޟާރަތުގެ މުހިއްމު ރަށެކެވެ. ސަޢޫދީ ޢަރަބިޔާގެ މައްކާގެ ޕްރޮވިންސެކެވެ. މުސްލިމުން ޢުމުރާވުމަށް އިޙްރާމް ބަންނަ މީޤާތެކެވެ. ޠާއިފްގައި ހުންނަ ސަރަހައްދީ ދާރުލްއާސާރުން އިސްލާމީ ތާރީޚުގެ ދުވަސްވީ އާސާރުތައް ފެންނަން އެބަހުއްޓެވެ. އެއީ، އިސްލާމްވުމުގެ ކުރިއާއި އިސްލާމްވުމަށް ފަހުގެ ހަނދާންތައް ދިރުވައިދޭ އާސާރުތަކެވެ.

ގުދުރަތީ މުއްސަނދިކަން

ޠާއިފަށް ޒިޔާރަތްކޮށްލެވުމަކީ ޚާއްޞަ އުފަލެއް ލިބޭ ކަމެކެވެ. ފަރުބަދަތަކުގެ ތެރެއިން ލާފައި ދަތުރުކުރަމުން ދާ އިރު، ފަރުބަދަތަކުން ނެއްޓި އެ އަންނަ ފިނިފިނި ވައިރޯޅިތަކުން ހަށިގަނޑު ތޮރުފަމުން ދިޔަ ނަމަވެސް، ނަން ހުސްކޮށް ހުރި މޭވާތައް ވިއްކާ ބާޒާރުތަކާއި ފިނިފެންމާ ދަނޑުތަކާއި ފުން ވާދީތައް ފެނުމުން ހިތަށް ލިބެނީ އާދަޔާޚިލާފު އުފާވެރިކަމެކެވެ. ފެންނަނީ ބަލައި ފޫހިނުވާނެ ހިތްގައިމު މަންޒަރުތަކެކެވެ. ފަރުބަދަތަކާއި ވާދީތަކުގެ ތެރޭގައި ފަރިވެ ފޮޅިފައިވާ ވަސް މީރު މާމެލާމެލީގެ ސަބަބުން މި ރަށް މަޝްހޫރުވެފައި ވަނީ "ފިނިފެންމަލުގެ ސިޓީ" ގެ ގޮތުގައެވެ. އާއްމުކޮށް ފިނިކޮށް އޮންނަ މި ރަށުގައި އެޕްރީލް މަހަކީ ފިނިފެންމާތައް އެންމެ ގަދައަށް ފަރިވެ ފޮޅޭ ދުވަސްވަރެވެ. ހަމައެއާ އެކު އޮގަސްޓް މަހަކީ ވެސް އެ ރަށަށް އަންނަ ކުޑަވަރެއްގެ ޢީދެކެވެ. މި ދުވަސްވަރު "ސޯކް އޮކާޒް ކަލްޗަރަލް ފެސްޓިވަލް" އާއި "ކްރޮއުން ޕްރިންސް ކެމަލް ފެސްޓިވަލް" ކުރިއަށް ދެއެވެ.

މިއަދު ފަތުރުވެރިންގެ ޚާއްޞަ މަންޒިލެއްގެ ގޮތުގައި އޮތް "ސޯކް އޮކާޒާ" ނުވަތަ ކީރިތި ރަސޫލާގެ ސިޔަރަތުން އަހަރެމެން އަޑުއަހާ އޮކާސާގެ ބާރާޒަކީ، އިސްލާމީ ޙަޟާރަތެއް މި ރަށުގައި ގާއިމުވުމުގެ ކުރީގައި އޮތް އެންމެ ބޮޑު، އެންމެ މަޝްހޫރު ބާޒާރެވެ. އެ ދުވަސްވަރު މި ތަނުގައި ކުރިއަށް ނުދާކަށް ކަމެއް ނޯވެއެވެ. ކޮންމެ އަހަރެއްގެ ވެސް ޛުއްޤައިދާ މަހު ދެ ހަފުތާހެއްހާ ދުވަހަށް މި ބާޒާރުކުރިއަށް ދާއިރު، ޤަބީލާތަކުގެ ވާދަވެރިކަން އިންތިހާއަށް އޮވެއެވެ. އެއްބަސްވުންތައް ބާއްވައި އަހުދުކަށަވަރު ކުރާއިރު، ދެ ބަސްވުމާއި ނޭންގާނީކަން ވެސް އޭގެ ހައްދެއް ނެތް މިންވަރަށް ކުރިއަށް ދެއެވެ. ޖަމަލު ރޭސްޖެހުން ފަދަ ތަފާތު ކުޅިވަރު މުބާރާތްތަކާ އެކު ވާދަ ޅެންކިޔުން ވެސް އެހައި ފޯރީގައި ކުރިއަށް ގެންދެއެވެ. ހަމަމިއާ އެކުއެކީ ދީނީ އެކިއެކި ބައްދަލުވުންތައް ވެސް ބާއްވައެވެ.

މާރުކޭޓު

ޠާއިފުގެ މަރުކަޒީ މާރުކޭޓަކީ އެ ގޮތް މި ގޮތަށް އޮތް ހަނިހަނި، ދިގުދިގު މަގުތަކުގެ ދެ ފަރާތުގައި ބިނާކޮށްފައިވާ ޢިމާރާތްތަކެއްގައި އޮންނަ މާރުކޭޓެކެވެ. މާރުކޭޓުގެ އެކި ހިސާބުގައި ވިއްކަމުން ދަނީ އެކި އެއްޗެއްސެވެ. އެއް ތަނެއްގައި ރަށުގައި އުފައްދާ މޮޅު މާމުއި ވިއްކާއިރު، އަނެއް ދިމާއެއްގައި ވިއްކަން ހުންނަނީ ސެންޓުގެ ބާވަތްތަކެވެ. ފިނިފެންމަލުގެ ފިޔަތަކުން ތައްޔާރުކޮށްފައި ހުރި ފިނިފެނާއި އަތަރެވެ. އިސްލާމީ އެކިއެކި ފަރުމާތަކަށް ހުރި ހެދުމާއި ގަހަނާއަށް ވެސް ޚާއްޞަ ދިމާއެއް އޮވެއެވެ. ޔަމަނުގެ "އެސް" ޖަހާފައިވާ ރިހި އަނގޮޓިއާއި މަދީނާގެ ރަނުން ހަދާފައިވާ ގަހަނާ ވިއްކާ މީހުން ވެސް މި މާރުކޭޓުގެ ސަރަހައްދަކުން ޖާގަ ހޯދައިގެން ތިބެއެވެ. އަދި މޮޅު ގިތެލާއި (Ghee) އަތަރާއި ކުރެހުން އެޅި ކަނޑިއާއި އެކިއެކި ބަލިބައްޔަށް ފަރުވާކުރަން ބޭނުންކުރާ ފަތްޕިލާވެލި ވިއްކާ މީހުން ވެސް ތިބެއެވެ.

ފިނިފެންމާ ދަނޑު

ކޮންމެ އަހަރަކު ވެސް، ޠާއިފްގެ ފަޒާގައި ހުވަނދުލެވިގެން ދަނީ އެ ސަހަރުގެ މަޝްހޫރު، މީރު ވަސް ދުވާ، 30 ފިޔަ ލީ، "ދަމަސްކް ރޯޒް" ފޮޅެން ފެށުމުންނެވެ. 900 އަށް ވުރެ ގިނަ ފިނިފެންމާ ދަނޑުތަކުން އުފައްދާ 300 މިލިޔަނަށް ވުރެ ގިނަ ފިނިފެންމާ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ އަގުބޮޑު "ރޯޒް އޮއިލް" ނުވަތަ އަތަރު އުފައްދައެވެ. 1 ލީޓަރުގެ އަތަރު އުފެއްދުމަށް ގާތްގަނޑަކަށް 4 ޓަނުގެ ފިނިފެންމާ ބޭނުންކުރެއެވެ.

“ދަމަސްކް ރޯޒް" ނުވަތަ ދިމިސްކު ފިނިފެންމަލުގެ ޢަރަޤާއި އެއިން އުފައްދާ ފިނިފެނާއި އަތަރު، ކުރަކި އަދި ނާޒުކު ހަމަށް ފަރުވާއެއްގެ ގޮތުގައި އުފައްދާ ރީތިވާ ސާމާނުގައި ބޭނުންކުރެއެވެ. އެއީ، ހަމަށް ތާޒާކަމާއި އޮމާންކަން ގެނުވައިދޭ އެއްޗެއްގެ ގޮތުގައި ފާހަގަވެފައިވެއެވެ.

“ދަމަސްކް ރޯޒް" އަކީ މެދު އިރުމަތީގައި ހެދޭ އެއްޗެކެވެ. ހުޅަނގުގެ ގައުމުތަކަށް މި މާ ތަޢާރަފުވީ މީލާދީން 11-13 ވަނަ ޤަރުނުގެ ތެރޭގައި، ޔޫރަޕުގެ މީހުން މުސްލިމުންގެ މައްޗަށް އަތްގަދަކޮށްގެން އުޅުނު ދުވަސްވަރުއެވެ. މި މަލުގެ ނަން ނިސްބަތްވަނީ ސީރިޔާގެ ވެރިރަށް ދިމިސްކަށެވެ. ކުރީ ޒަމާނެކޭ އެއްގޮތަށް މިހާރު ވެސް މި މާ ރަމްޒުކޮށްދެނީ ރީތިކަމާއި ލޯތްބެވެ. ރީތިވާ ސާމާނާއި ސެންޓް އުފައްދާ ކާރުޚާނާތަކަށް ބޮޑު އަގުގައި ވިއްކޭ މި ފިނިފެންމާ ހައްދާ ގައުމުތަކުގެ ތެރޭގައި މޮރޮކޯއާއި ތުރުކީއާއި އިންޑިއާއި އިރާނާއި ބަލްގޭރިޔާ ހިމެނެއެވެ.

.............................

މައުލޫމާތު: ކީރިތި ރަސޫލާގެ ސިޔަރަތު

ގޫގްލް

ޢުމުރާ ދަތުރުގެ ތެރެއިން