މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީފައިނަލުގެ ފުރަތަމަ ދެޖާގަ މުބާރާތް ބާއްވާ ގައުމު ކެމަރޫން އާއި ބުރްކީނާ ފާސޯ ރޭ ޖާގަ ހޯދައިފިއެވެ.

ކެމަރޫން ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާފައިނަލުގައި ގެމްބިއާގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. މިދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ކާލް ބްރިލިއަންޓް ޓޯކޯ އެކަމްބީއެވެ. ފްރާންސްގެ ލިއޯންއަށް ކުޅެމުންދާ އެކަމްބީގެ ދެލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ފުރަތަމަ ފަނަރަ މިނެޓް ތެރޭގައެވެ.

ކެމަރޫންގެ ދެލަނޑު ކާމިޔާބު ކޮށްދިން އެކަމްބީ ޓީމުގެ އެހެން ކުޅުންތެރިޔަކާއެކު. ފޮޓޯ: އޭއެފްޕީ

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ޓިއުނީޝިޔާ ބަލިކުރި ގެމްބިއާއަށް މިމެޗުގައި ކެމަރޫންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެހަމަލާއެވެ.

ބުރްކީނާ ފާސޯއިން ސެމީފައިނަލުން ޖާގަ ހޯދީ ފްރާންސް ލީގުގެ ލޮރިއެންޓަށް ކުޅޭ ޒުވާން ވިންގަރ ޑަންގޯ އޮއްޓަރަ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުންނެވެ. އެކަމަކު މެޗުގެ ހީރޯއަކަށްވި އޮއްޓަރަ މެޗް ނިންމާލަން ޖެހުނީ 82 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާއެކުއެވެ. އޭނާއަށް ރަތްކާޑް ދެއްކީ ޓިނިއުނީޝިޔާ ކުޅުންތެރިޔަކަށް ގަސްދުގައި އުޅޮބޮށިން ހަމަލާ ދިނުމާއި ގުޅިގެންނެވެ.

ޓިއުނީޝިޔާ ކޮޅަށް ގެމްބިއާގެ ލަނޑު އޮއްޓަރ ކާމިޔާބު ކޮށްދެނީ. ފޮޓޯ: އޭއެފްޕީ

ކުއާޓާފައިނަލުގައި މިރޭވެސް ދެމެޗް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ރާއްޖޭ ގަޑިން 9:00 ގައި ބައްދަލު ކުރާނީ މަޝްހޫރު މުހައްމަދު ސަލާހްގެ މިސްރާއި އަޝްރަފް ހަކީމީގެ މޮރޮކޯއެވެ. ދެވަނަ މެޗުގައި ރާއްޖޭ ގަޑިން ދަންވަރު ބާރަ ޖަހާއިރު ބައްދަލު ކުރާނީ މަޝްހޫރު ސަޑިއޯ މާނޭގެ ސެނަގާލް އާއި އިކްއެޓޯރިއަލް ގިނީއެވެ.