ރައީސް ޔާމީންގެ ޒައާމަތެއްގައި އެންމެހާ ދިވެހީންނަށް ވެސް ވަޒީފާގެ ފުރުސަތު އެމަނިކުފާނު ދެއްވާނޭ ކަމަށް ޕީޕީއެމުން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ޕީ.ޕީ.އެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ބުނެ މީޑިއާގައި ޚަބަރު ފެތުރުމުން އެކަމަށް ރައްދު ދެއްވައި މިއަދު ނެރުނު ބަޔާނެއްގައެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މީހުންނަށް ވަޒީފާ ނުދެއްވާނޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ނުވާނޭ ކަމަށެވެ. ރައީސްގެ ވާހަކަފުޅު މީޑިއާގައި ރިޕޯޓު ކޮށްފައިވަނީ މަފްހޫމް އޮޅޭ ގޮތަށް ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ. އެގޮތަށް އެ ޚަބަރު ގެނެސްދީފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.

ޕީއެމުން ބުނެފައިވަނީ "ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީ.ޕީ.އެމް ގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާފަރާތްތަކަށްވެސް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެއެވެ."

ރައީސް ޔާމީންއަކީ މިހާތަނަށް ރެކޯޑް ޢަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ. މީގެ އިތުރުންވެސް، އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް އެދެވޭ ރަނގަޅު ބަދަލުތަކެއްވެސް ގެނެސްދެއްވި ވެރިއެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ހަމައެހެންމެ، ޒުވާނުންނާއި އަލަށް ކައިވެނި ކުރާ ކުދިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާ، ރާއްޖޭގެ އެކި ހިސާބުގެ ބިން ހިއްކާ ބޮޑުކުރެއްވުމުގެ މަސައްކަތައްތައް ކުރިއަށް ގެންދަވާ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަންވެސް ކަށަވަރުކޮށްދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމިންކަން ފާހަގަ ކުރަމެވެ. ހަމައެއާއެކު ރާއްޖެ މިހާތަނަށް ދެކެފައިނުވާ ތަރައްޤީ މިޤައުމަށް ގެނެސް ދެއްވާފައިވަނީވެސް ރައީސް ޔާމީން، އަދިވެސް އެތަރައްޤީ މިޤައުމަށް ގެނެސްދެއްވާނީ ރައީސް ޔާމީނެވެ." އެބަޔާނުގައި ވެއެވެ.

ވަޒީފާ ދެއްވުމުގައިވެސް ދިވެހި ރައްޔިތުން ތަފާތު ނުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.