ގދ. ފަރެސްމާތޮޑާއަށް ކޮވިޑްގެ ތިންވަނަ ރާޅެއް މިހާރުވަނީ ބިންދާލައިފައެވެ. އެއާއެކު މިހާތަނަށް ވަނީ ޖުމްލަ 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 31 މީހަކު މިހާރުވަނީ ބަލީން ފަސޭހަވެގެން ދޫކޮށްލައިފައެވެ. އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 20 އެވެ.

ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވިދާޅުވީ އެރަށުން ތިންވަނަ ފަހަރަށް ކޮވިޑް ފެނުމަށްފަހު އަދި ދަނީ ކޮންޓްރޯލް ނުކުރެވި ކަމަށެވެ. އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ސިއްހީމަރުކަޒުން ވިދާޅުވިއެވެ. އެގޮތުން ކިރިޔާވެސް ކޮވިޑްގެ އަލާމާތެއް ފެނުނަސް ސިއްހީމަރުކަޒަށް ގުޅައިގެން ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އެއްވެސް އޮޅުވާލުމެއް ފޮރުވުމެއްނެތި ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންނެވެ. ސާމްޕަލް ނަގަން ސިއްހީމަރުކަޒުން އެދިވަޑައިގެންފި ކަމަށްވާނަމަ އެއްވެސް ދެކޮޅު ހެދުމެއްނެތި އެއްބާރުލުން ދިނުމަށް ވެސް ފަރެސްމާތޮޑާ ސިއްހީމަރުކަޒުން އެދިވަޑައިގެންނެވިއެވެ.

"މިއީ ތިމާއާއި އެހެން އެންމެންގެ ކަމެއް. މުޅި މުޖުތަމައުއާ ގުޅުންހުރި ކަމެއް. އެހެން ކަމުން މިފަދަ ނުރައްކާތެރި ބަލިމަޑުކަމަކުން ސަލާމަތްވުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވޭ. މީގެ ކުރިން ފަރެސްމާތޮޑާއިން ކޮވިޑް ފެނުނު ދެފަހަރުވެސް ރައްޔިތުން ދިން އެއްބާރުލުން މިފަހަރުވެސް ދީގެން މިކަން އަރައިގަތުމަށް މަގުފަހިކުރުން ވަރަށް މުހިންމު،" ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

ތިންވަނަ ފަހަރަށް އެރަށުން ކޮވިޑް ބަލި ފެނިފައިވަނީ މިހިނގާ ޖަނަވަރީމަހު 12 ވަނަ ދުވަހުއެވެ.