ދިވެހިރާއްޖެއާ ތުރުކީއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެެވެ.

މި ބައްދަލުވުމުގައި ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ތުރުކީގެ ޑިޕްލޮމަސީ އެކަޑަމީއާއެކު ގުޅުން ބަދަހިކޮށް ޕްރޮފެޝަނަލް ފޮރިން ސާވިސް ކެޑާއެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއެވެ. މި އެއްބަސްވުމުގެ ދަށުން ހާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ހާރިޖީ ދާއިރާގެ ތައުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެއެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ހާރިޖިއްޔާގައި ޕްރޮފެޝަނަލް ހިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ތުރުކީ އާއި ރާއްޖެއާ ދެމެދު ދެން ވެވުނު އެއްބަސްވުމަކީ ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާ ކުރުމާބެހޭ އެއްބަސްވުމުކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއާތައް އިތުރުކުރުމަށް މަސައްކަތްކުރުމުށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިގްތިސޯދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ ހުސެން ރަޝީދު ހަސަންއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.

މީގެއިތުރުން ދެގައުމުގެ ދެމެދުގައި ތިމާވެށީގެ ރޮނގުން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރިއިރު އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތް ޝައުނާއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގަޔާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކެމިކަލްފަދަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައިވެސް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިޤްއެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަގާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެއާއެކު މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕަރފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީވިލާތުގެ އެހީތެރިކަން ލިބޭނެއެވެ.