ފުވައްމުލަކު ސިޓީ ހޯދަޑު އަވަށު ނޭޗަރޕާކުގައި އޮތް ވީދަނޑުގައި މިއަދު ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މި ހާދިސާގެ ރިޕޯޓު ލިބުމުން އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން ކޮމާންޑުގެ ފުވައްމަލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ވެސް ފެށި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 12:32 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ރޯވި އަލިފާން ނިއްވުމުައި ބަޔަކު ހަރަކާތްތެރިވަނީ: ފޮޓޯ އިސްމާއީލް

ރޯވި އަލިފާން ނިއްވާލެވިފައިވަނީ އިރުއޮއްސި 06:15 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފުވައްމުލަކު ނޭޗަރ ޕާކު ސަރަހައްދުގައި ހިނގި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފް، ޕޮލިސް، އެމްޓީސީސީ، ސިޓީކައުންސިލް އަދި ވޮލަންޓިއަރުނަނަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢިލް ރަފީގު ވަނީ ޝުކުރު ދަންނަވާފައެވެ.

އިސްމާއީލް ވިދާޅުވީ މިއީ އެއްމަސްތެރޭގައި ފުވައްމުލަކުގައި މިގޮތަށް ރޯވި ދެވަނަ ފަހަރު ކަމަށެވެ. މިއަދުގެ ހާދިސާގައި ގާތްގަނޑަކަށް 8 ހެކްޓަރު ވަނީ އަނދައިފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.