މިއަދު މެންދުރުފަހު ފެލިދެ އަތޮޅު ކައުންސްސިލުގެ އިދާރާގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި ފެލިދެ އަތޮޅުގެ ދިގު ތާރީޚު ހިމެނޭ ފޮތެއް ނެރުއްވައިފިއެވެ.

މި ފޮތަކީ ވ. ފެލިދޫ ޒަމާނީވިލާ. ޢަބުދުލް ޢަޒީޒު އިބުރާހިމް ( ފެލިދޫ އަޒީ )ލިޔުއްވި ފޮތެކެވެ. ފެލިދޫ އަޒީ އަކީ ވ. އަތޮޅަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ފެލިދެ އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމު އަދި ޤާޒީ ކަމާއި އަތޮޅު ކައުންސިލުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

އަޒީ ވިދާޅުވީ މި ފޮތުގައި ފެލިދެ އަތޮޅުގެ ތާރީޚުގެ ވަރަށް ކުރި އާއި މިހާރު ގެ ގިނަ މައުލޫމާތު ތަކެއް ހިމެނޭނެ ކަމަށެވެ. އެގޮތުން 1936 ވަނަ ފެށިގެން ތާރީޚުގައި ހިނގައިފައިވާ ބޮޑެތި ކަންތައްތައް މިފޮތުގައި ހިމެނެއެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި މީހުން ކައިބޮއި އުޅުނުގޮތާއި އޭރުގެ ކާބޯތަކެތީގެ އަގުތަކާއި، ރާއްޖޭގެ އަތޮޅުވެރިކަން ފެށުނީއްސުރެ ވ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތާއި ފޮޓޯވެސް މި ފޮތުގައި ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލިސް އުފެދުނީއްސުރެ އަދާ ހަމައަށް ވ. އަތޮޅު ތަމްސީލު ކުރެއްވި މެންބަރުންގެ މައުލޫމާތުވެސް ހިމެނެއެވެ. މީގެ މިތުރަށް ވ. އަތޮޅުގެ ފަތުރުވެރިކަމާ ގުޅޭ ގިނަމައުލޫމާތާއި އެކި އޮއިވަރަށް އެކި ބާވަތުގެ މަސްތައް އުޅޭ 26 ސަރަޙައްދެއްވެސް މި ފޮތުގައި ހިމެނެއެވެ.

މި ފޮތް ލިޔުއްވުމަށް ގާތްގަޑަކަށް 25 އަހަރު ހޭދަވީކަމަށް އަޒީ ވިދާޅުވިއެވެ. މިއީ އަޒީގެ ބައްޕަ ފެލިދޫ އިބުރާހިމް އާދަމް ދުނިޔޭގައި، ބައްޕަ އަރިހު ދަންނަވައިގެން ލިޔަން ފެއްޓެވި ފޮތެކެވެ. ފޮތް ލިޔުއްވުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން ލިބިވަޑައިގެން ކަމަށް އޭނާ ވިދާޅުވިއެވެ

އެގޮތުން ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަބަލް އަބުދުއްރަޝީދު ހުސެއިން އަދި ފެލިދެ އަތޮޅުގައި 3 ދައުރު އަތޮޅުވެރިކަން ކުރެއްވި އަލް މަރުހޫމް ޝަފީގުގޭ ޝަފީގުއެހީތެރިކަން ފާހަގަކުރެއްވިއެވެ.

މިއަދު ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވ. އަތޮޅު ކައުންސިލުގެ ރައީސަށް މި ފޮތުގެ ކޮޕީއެއް އެރުވިއެވެ. މި ރަސްމިއްޔާތުގައި ވ. އަތޮޅު ކައުންސިލުގެ އިސް ބޭފުޅުން ބައިވެރި ވަޑައިގަތެވެ.

މިއީ ކިޔަވާ ކުދިންނަށާއި ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ވަރަށް މުހންމު މަޢުލޫމާތު ތަކެއް ހިމެނޭ ފޮތެކެވެ.