ކެމަރޫންގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މޮރޮކޯއިން ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައި 2-1 އިން މޮޅުވެ މިސްރު ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
މިމެޗުގައި މިސްރުގެ ތަރިޔަކަށް ވެގެންދިޔައީ ކެޕްޓަން މުހައްމަދު ސަލާހެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު މޮރޮކޯގެ ސުފިޔާން ބޫފާން ޕެނަލްޓީއަކުން ލީޑް ނަގައިދީފައި ވަނިކޮށް 53 ވަނަ މިނެޓުގައި މިސްރަށް އެއްވަރު ކޮށްދިނީ ސަލާހެވެ. އަދި މިސްރުން ލީޑް ނެގި ލަނޑު، އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ޓްރެޒެގޭ ކާމިޔާބު ކުރީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މިމުބާރާތުގައި މިސްރުން ޖެހި ލަނޑުތަކުގެ %62 ހިއްސާކުރަނީ ސަލާހެވެ.
ސެމީފައިނަލުގައި މިސްރު ބައްދަލު ކުރަން ޖެހެނީ މުބާރާތް ބާއްވާ ގައުމު ކެމަރޫންއާއެވެ.