ކާށި ހޮވަން، ދަރު ހޮވަން، ފަޅު ރަށްރަށަށް ދިޔުން މިއީ ދިވެހިންގެ ދަތުރު ދިއުމުގެ ފެށުން ކަމުގައި ވެދާނެއެވެ. ބޮއްކުރާ، ބައްތެލިތަކުގައި މީހުންނޫޅޭ ފަޅު ރަށްރަށަށް ދިޔަ ޒަމާނުގައި އިރު އެރީއްސުރެއް އިރު އޮއްސެންދެން އެރަށްރަށުގައި ދުވަސް ހޭދަ ކުރެއެވެ. މިހާރު އިންޖީނު އެޅި ލޯންޗްތަކާއި ޑިނގީތަކުގައި މޫދަށް އެރެލާ ހަދާލަން ދާ ދަތުރުތަކުގައިވެސް ހަމަ އެގޮތެވެ. އެހެންކަމުން ކެއުމާއި ބުއިމުގެ ކަންތައް އޮންނަނީ އެދާ ރަށެއްގަ އެވެ. ބައެއްފަހަރު ކައްކައިގެން ގެންދާއިރު، އަނެއްބައިފަހަރު އެ ދާ ރަށެއްގައި ކައްކާ ހަދައެވެ. ކެއްކުމާއި ކައިބޮއި ހެދުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ހައްޓަށް ފަސޭހައަށް ގެންދާ ތަކެއްޗެވެ. ހަލާކުނުވާޒާތުގެ ޕްލާސްޓިކެވެ.

ފިނޮޅަކަށް ބަޔަކު ދަތުރުގޮސް، ފޮޓޯ މީސްމީޑިއާ

ގަސް ރުއް ނެތް ފިނޮޅުތަކަށް ދަތުރު ދިޔަސް އަދި ކައިރީގައި އޮންނަ ފަޅުރަށްތަކަށް ދިޔަސް ކެއުމާއި މޫދަށް އެރުމާއި މަސްބޭނުމާއި މަސްފިހުން މީ އާންމުގޮތެއްގައި ދިވެހިންގެ ދަތުރު ތަކުގެ މައިގަނޑެވެ. މިގޮތަށް ކެއުމާއި ބުއިމަށްޓަކައި ހައްޓަށް ފަސޭހައަކަށް މިގެންދާ ޕްލާސްޓިކު ތައްޓާއި ފުޅިއަކީ އަޅުގަނޑުމެންގެ މި އިޤްތިޞާދުގެ އެންމެ ބޮޑު ހަތުރެވެ.

ހުރިހާ ދިވެހިންވެސް ދަތުރުދަނީ ހިތް ހަމަޖައްސާލުމަށެވެ. ނަމަވެސް ކައި ނިމުމަށްފަހު ކުޑަކުދިން ޖެހުނުތަނަކަށް އެމީހުންގެ ތަށި އެއްލާލައެވެ. ޖޫހާއި، ފެން ބުއިމަށްފަހު އެފުޅި ހިފައިގެން މޫދަށް އެރެ، އެ ދޫކޮށްލެވެއެވެ. ކުދިން ގޮވައިގެންދާ ބޮޑެތި މީހުންވެސް ގިނަ ފަހަރަށް އެކުދިން ގެންގުޅޭ ފުޅިއާއި ތައްޓަށް ހެދިގޮތެއް ނުބަލައެވެ. އެހެންކަމުން މިގޮތަށް މޫދަށާއި ގޮނޑުދޮށްތަކަށް ދޫވާނީ އެތައް ފުޅިއެކެވެ. އެނބުރި ރަށަށް އަންނައިރު ފަޅު ރަށްރަށަށް ދޫކޮށްލެވެނީ އެތައް ކޮތަޅެކެވެ. އަދި ކުނީގެ ގޮތުގައި ކޮތަޅުތަކުގައި ބަންދުކޮށް އެރަށްރަށުގައި ބަހައްޓާފައި އަންނަ ކޮތަޅުތައް ކިހާ ޒަމާނެއްވަންދެން އެތާ ހުންނާނެ ހެއްޔެވެ؟ ގަދަވަޔާއި އެކު އެތަކެތި ދަނީ އަޅުގަނޑުމެންގެ އިގުތިޞާދުގެ މައި ތަނބުކަމުގައިވާ ކަނޑަށެވެ. ފަރުތަކަށެވެ.

ޕިކްނިކު ދަނީ ހަމައެކަނި ފަޅު ރަށްރަށަކަށް ނޫނެވެ. ދިރިއުޅޭ ރަށުގެ ތުނޑިއާށައި އަތިރިމައްޗަށްވެސް ޕިކްނިކު ދެއެވެ. މިގޮތަށް ދާއިރުވެސް ގިނައިން މިގެންދަނީ އެއްފަހަރު ބޭނުންކޮށްފާ އެއްލައިލާ ޕްލާސްޓިކެވެ. އެނބުރި ގެއަށް އަންނައިރު ގެންނަން ނުޖެހޭނެތީއެވެ. ދޮންނަން ނުޖެހޭނެތީއެވެ. ތަށިތައް ދޮވުމާއި، ގެއިން ތުނޑިއަށް އުފުލިތަކެތި ގެނައުމަކީ އިތުރު ތަކުލީފަކަށްވާތީ އެވެ. ބައެއްފަހަރަށް މިތަކެތި ވަޅުލައެވެ. އަނެއްބައިފަހަރަށް ކޮންމެވެސް އެއް ތަނަކަށް އެއްކޮށްފައި ބަހައްޓައެވެ. ދެން ވާގޮތަކީ ގިނަ ދުވަސްވެ މިތަކެތި މައިކްރޯ ޕްލާސްޓިކަށް ބަދަލުވަނީއެވެ. އަދި އޮޔާ ވަޔަށް ގޮސް އަޅުގަނޑުމެންގެ ކެއުމުގެ މައިގަނޑު ކަމުގައިވާ މަސްތައް މި ތަކެތި ކައި ހަދަ އެވެ. ދެން މި މައިކްރޯ ޕްލާސްޓިކުތައް އެނބުރި މި ވަންނަނީ އަޅުގަނޑުމެންގެ ހަށިގަނޑަށެވެ.

ވ. އަތޮޅު ފަޅު ރަށެއް، ފޮޓޯ: މީސްމީޑިއާ

މަދު ބައެއްގެ އަމަލުތައް މިހެން ހުއްޓަސް ރާއްޖޭގައި ޕްލާސްޓިކް ނައްތާލުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމާޢަތް ތަކާއި ޖަމްއިޔާތަކުގެ އިތުރަށް ވަކި ވަކި ފަރުދުން ވެސް އުޅޭކަން ފާހަގަކުރަމެވެ. އެ ގޮތުން ވ. ކެޔޮދުއާއި އއ. ރަސްދޫ ކައުންސިލާއި ގެސްޓްހައުސްތައް ގުޅިގެން އެ ރަށްރަށުގައި ގިނަވާ ޕްލާސްޓިކުތައް ނަގައި ސާފުކުރެވެ. އަދި ޕްލާސްޓިކް މަދުކުރުމަށް މަސައްކަތް ކުރެއެވެ. މިނޫނަސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްލާސްޓިކާމެދު ސަމާލުވެ ޕްލާސްޓިކް މަދުކުރުމަށް ހަރަކާތްތައް ހިންގައެވެ. ސަރުކާރުންވެސް މިހާރު މިވަނީ އެއްފަހަރު ބޭނުންކުރާ ވަރަށް ގިނަ ބާވަތްތަކުގެ ޕްލާސްޓިކު ރާއްޖެއަށް އެތެރެކުރުން މަނާ ކުރައްވާފައެވެ.

ދިވެހިރާއްޖެއަށް ޕްލާސްޓިކު އެތެރެކުރާ މިންވަރު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާތީއެވެ. އެއިން ލިބޭ ގެއްލުންތައް ކަނބޮޑުވާ މިންވަރަށް އިތުރުވެއްޖެއެވެ. 2018 ތަފާސް ހިސާބަށް ބަލާއިރު 109 މިލިއަން އެމެރިކާ ޑޮލަރުގެ ޕްލާސްޓިކް ރާއްޖެ އެތެރެކޮށްފައި ވެއެވެ. މިއީ 2014 ވަނަ އަހަރަށްވުރެ 17 ޕަސަންޓު އިތުރު އަދަދެކެވެ. އެންމެ ގިނަ ޕްލާސްޓިކު އެތެރެކުރަނީ " ކޮންސްޓްރަކްޝަން " ދާއިރާއިންނެވެ.

އަޅުގަނޑުމެންގެ އިގުތިޞާދުގެ މައިތަނބަކީ ނޫ ސާލެއްފަދަ މިރީތި ފަޅުތަކެވެ. ޗާލު ބަގީޗާ ތަކެއްފަދަ ފަރުތަކެވެ. ހުދު ދޮންވެލި ތުނޑިތަކާއި ސާފު ގޮނޑުދޮށްތަކެވެ. އަދި މި ޖަޒީރާ ރަށްތައް ވަށައިގެންވާ މާ ކަނޑެވެ. މިއީ ގުދުރަތުން މި ޤައުމުގެ ރައްޔިތުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މި ތަރިކަ އަންނަން އޯތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ މި ޖީލުގެ ވާޖިބެކެވެ.

ވ. އަތޮޅު ފިނޮޅެއް، ފޮޓޯ: މީސްމީޑިއާ

އެހެންކަމުން ޕިކްނިކުދާއިރު ބަލަންވީ އަޅުގަނޑުމެންގެ މި ނާޒުކު ވެށި ރައްކާތެރި ކުރެވޭނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށެވެ. ޕްލާސްޓިކް ނޫން އެހެން ގޮތެއް ހޯދުމަށެވެ. އޭރުން އަޅުގަނޑުމެންގެ ވެށްޓަށާއި ހަށްޓަށާއި ޖީބަށްވެސް ލުއިފަސޭހަކަމެއް ލިބޭނެ އެވެ.