ޗައިނާގެ އެތައްހާސް ޒުވާން އަންހެން ކުދިންނާއި އޭޝިއާއާއި އެފްރިކާގެ އެތައް ގައުމެއްގެ

ޒުވާން އަންހެނުންނަށް އޮޅުވާލައިގެން ކެމްބޯޑިއާގައި އެމީހުންގެ ވަގުފާރި ކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. މި ވާހަކައަކީ މީގ އަހަރެއް ހައި ދުވަސް ކުރިން ރޮއިޓާޒްއިން ދިގު އިންވެސްޓިގޭޓިވް ރިޕޯޓެއްގައި ގެންސްދިން ވާހަކައެކެވެ. އަލުން މިވާހަކަ ދުނިޔޭގެ ސަމާލުކަމަށް މިއަދު އައިސްފައި ވަނީ ޗައިނާ މޯނިންގ ޕޯސްޓުން މި ސްޓޯރީ ކަވަރު ކުރުމާ ގުޅިގެންނެވެ.

މިސްމީޑިއާގައި އިޝްތިހާރު ޖަހައިގެން މިމީހުން ކެމްބޯޑިއާއަށް އޮޅުވާލުމެއްގެ ތެރޭން ގެން ދަނީ ރަނގަޅު މުސާރައެއް ލިބޭނެ ވަޒީފާތައް ދޭނެ ކަމުގެ ދަޅަދައްކައިގެންނެވެ. އިންސާނުންގެ ވަގުފާރި ކުރާ ގޭންގްތަކުގެ އަތުގައި މިމީހުން ޖެހުމުން، ނުރުހުމުގައި ހިފަހައްޓައި، ރަހީނު ކޮށް އެމީހުން ލައްވައި ގާނޫނީ ޚިލާފް ކަންކަން ކުރުވުމަށް މަޖުބޫރު ކުރުވައެވެ.

މީޑިއާ ސިފަ ކުރާ ގޮތުން ކެމްބޯޑިއާގައި ހިންގާ މި މަސައްކަތަކަކީ ސައިބާ ސްލޭވަރީއެވެ. މީގައި އަންހެން ކުދިން ހޮޓެލުގެ ކޮޓަރިތަކުގައި ރަހީނު ކުރެވެއެވެ. އަދި މީސްމީޑިއާގެ ޑޭޓިންގ އެޕްތަކުގައި މި ކުދިންގެ ފޮޓޯލައިގެން ޕްރޮފައިލްތައް ހަދައި އެމީޙުންގެ ވިޔަފާރި ކުރެވެއެވެ. މި މުއާމަލާތުގައި ކްރިޕްޓޯ ކަރެންސީވެސް ބޭނުން ކުރެއެވެ. އަދި މިކުދިންނަކީ އޮންލައިން ކެސިނޯއާއި ގޭމްބްލިންގައިވެސް ބޭނުން ކުރެވޭ ކުދިންނެވެ.

މި މީހުންގެ ޝިކާރައަކަށްވާ ޗައިނާ ކުދިން، ފަރުބަދަ މަތީ ހިސާބުތަކުގެ އެކަހެރި މަގުތަކުން ލައިގެން ވިއެޓްނާމާއި ކެމްބޯޑިއާއަށް ގެންދެވެއެވެ. ކެމްބޯޑިއާގައި މިމީހުންނަށް ވަޒީފާ ދެވެނީ، ޗައިނާ މީހުން ހިންގާ ކެސިނޯތަކުގައެވެ.

ކެމްބޯޑިއާގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް ޗައިނާ މީހުން އޮޕަރޭޓް ކުރާ 125 ކެސީނޯ ހުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ކެސީނޯ ކޮމްޕްލެކްސްއަށް އަންހެނުން އައުމުން އެމީހުން ޕާސްޕޯޓް އަތުލައި އެމީހުން ރަހީނު ކުރެވެއެވެ.

އެއަށްފަހު އެމީހުންނަށް މަޖުބޫރު ކުރަނީ ޗައިނާ ޓިކްޓޮކްކަމަށްވާ ޑޫޔިންއާއި ފޭސްބުކް، އަދި ޓިންޑަރއާއި އަދި ވަޓްސްއެޕް ފަދަ ސައިޓްތަކުގައި ފޭކް ޕްރޮފައިލް ތައް ހަދާށެވެ.

މި ކުދިންނަށް އޮންނަ އެއް މަސައްކަތަކީ މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ކޮންޓެންޓަށް ލައިކް ކުރުމުން އެމީހުންނަށް ފައިސާ ލިބޭނެކަން އަންގައި ދިނުމެވެ. މިގޮތަށް ލައިކް ކުރާ މީހުންގެ އެކައުންޓަށް ފުރަތަމަ 100 ޔުއޭން (15 ޑޮލަރު) ވަޔަރޓްރާންސްފާ ކޮށް ދެއެވެ. ދެން އެއަށްފަހު ބޮޑެތި އަދަދު ތަކެވެ. ފަހުން މި އޮޅުވާލުން ނިމިގެން ދަނީ އެމީހުންގެ އެކައުންޓުން ބޮޑެތި އަދަދުން ފައިސާތައް ވަގަށް ނަގައިގެންނެވެ.

މި ކުދިން ރަހީނު ކުރެވިފައި ތިބޭއިރު އެމީހުން ކޮންމެ މަހެއްގެ މައްޗަށްވެސް އާމްދަނީ ހޯދައިދޭނެ އަދަދެއް ކަނޑައަޅާފައި އޮވެއެވެ. މި ޓާގެޓަށް އެމީހުން ފައިސާ ހޯދައި ދޭން މަޖުބޫރެވެ. މި މަސައްކަތަކީ މީޑިއާ ބުނާ ގޮތުން މިކަމުގެ ފަހަތުގައި ތިބޭ މީހުންނަށް ބޮޑެތި އަދަދުން ފައިސާ ލިބޭ މަސައްކަތެކެވެ.

މި މަސައްކަތް ހުއްޓާލައި އެނބުރި ދާން ބޭނުންވާ ކުއްޖެއްނަމަ ދަތުރާއި ކެއުމާއި ހުރުމުގެ ޚަރަދަށްވާ ފަނަރަ ހާސް ޑޮލަރު ދައްކަން މަޖުބުރު ކުރެއެވެ. މި ކުދިން، އެއްކުންފުނިން އަނެއް ކުންފުންޏަށް މުދަލެކޭ އެއްގޮތަށް ވިޔަފާރި މުއާމަލާތެއްގެ ގޮތަށް ވިއްކައިވެސ ްހަދައެވެ.

ކެމްބޯޑިއާގެ ގާނޫނުގެ ދޯހަޅި ކަމުންނާއި ޓެކްސްގެ ގާނޫނު އޮންނަ ގޮތުން ކެސިނޯތަކުގައި އިންސާނުންގެ ވަގުފާރިއާއި މަނީލޯންޑްރިންގެ މަސައްކަތް ހިންގަން ފަސޭހައެވެ. ސިހާނުކްވިލް ސިޓީގެ ކުރީގެ ގަވަރުނަރު ވިދާޅުވާ ގޮތުން މި ޖަރީމާތައް ހިންގައި މުޅި ސިޓީ ކޮންޓްރޯލުކުރަމުން ދަނީ ޗައިނާގެ މާފިޔާއިންނެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ކެމްބޯޑިއާގައި ކެސިނޯތައް ވަނީ ދެގުނައަށް އިތުރު ވެފައެވެ. ހަމަ އެފަދައިން ޖަރީމާތައްވެސް ވަނީ އެތައް ގިނައަށް އިތުރު ވެގެން ގޮސްފައެވެ.