ގަތަރަކީ ނޭޓޯގައި ނުހިމެނޭ ގައުމުތަކުގެ ތެރޭނެ އެމެރިކގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ކަނޑައަޅާފައި ވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޮންގްރެސްއަށް ރަސްމީކޮށް އަންގަވައިފިއެވެ. ބައިޑެން ވަނީ ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީއާ އެކު މަޝްވަރާތައް ބާއްވަވާފައެވެ.
މިއީ ވައިޓް ހައުސްގައި ގަލްފުގެ ލީޑަރަކާ އެކު ބައިޑެން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ބައިޑަން ވިދާޅުވީ ޤަތަރަކީ އެމެރިކާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ކަނޑައެޅުމުން ޤަތަރާއެކު ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ކަމަށެވެ.
އިއްޔެ ވައިޓްހައުސްގައި ޤަތަރުގެ އަމީރާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އޭނާ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ޕާޓްނަޝިޕަކީ ދެ ގައުމުގެ މުހިންމު ގިނަ މަސްލަހަތުތަކެއް ހިމެނޭ ކަމެއް ކަމަށާއި، ޝެއިޚް ތަމީމްއާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ގަލްޕާއި މެދުއިރުމަތީގެ ސަލާމަތާއި، ދުނިޔޭގެ ހަކަތައިގެ ސަޕްލައި އަށް ހަމަޖެހުން ގެނައުމުގެ މަޝްވަރާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ ގަތަރަކީ ނޭޓޯގައި ނުހިމެނޭ މުހިންމު ބައިވެރިއެއްގެ ގޮތުގައި ކަނޑައެޅުމުން ދިފާއީ އެއްބާރުލުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.