އިންޑިއާގެ 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން އެގައުމުގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިދާރަމަން ވަނީ އިންޑިއާގެ ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ ތައުލީމު ލިބޭނެ މަގު ފަހިކޮށްދިނުމަށް ޑިޖިޓަލް ޔުނިވާސިޓީއެއް މިއަހަރު އުފައްދާނެ ކަމަށް އިއުލާން ކުރައްވާފައެވެ. ކޮވިޑާ ގުޅިގެން އިންޑިއާގެ ދަރިވަރުންގެ ކިޔެވުމަށް އަސަރު ކޮށްފއިވާތީ މިއހަރުވެސް އިންޑިއާއިން ޑިޖިޓަލް ލާނިންއަށް އަލިއަޅުވާލާފައިވެއެވެ.
ސިދާރާމް ވިދާޅުވިގޮތުގައި އައު ޑިޖިޓަލް ޔުނިވަރސިޓީން އުނގެނުން ވިލަރެސް ކުރާނީ އިންޑިއާގެ އެހެން ޔުނިވަރސިޓީތަކާ ގުޅިގެންނެވެ. އަދި އައު ޔުނިވަރސިޓީއިން ސަރަހައްދީ ބަސްބަހަކުން ފިލާވަޅުތައް ނަގައި ދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ފިޔަވަޅުގެ އިތުރުން ރަށްފުށުގެ ހިސާބުތަކުގައި ކިޔަވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން އިންޓަނެޓް، ޓީވީ އަދި ސްމާޓްފޯން މެދުވެރިކޮށް އީ-ލާނިންގގެ ކޮންޓެންޓް ފޯރުވައިދިނުމަށް އާ ޕްލެޓްފޯމްތަކެއްވެސް ތައާރަފް ކުރާނެ މި ސްކީމް އިޢުލާންކުރައްވަމުން މިނިސްޓަރ ވަނީ އެއް ކިލާސް އެއް ޓީވީ ޗެނަލްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާރު އެޑިއުކޭޝަނަލް ކޮންޓެންޓް ދުރަށް ފޮނުވާ 12 ޗެނަލް ގެ ބަދަލުގައި އިތުރު 200 ޗެނަލް އުފައްދައި ހުރިހާ ސަރަހައްދީ ބަހަކުން ވެސް އެޗެނަލް ތަކުގައި އުގަންނައިދޭނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ އެންމެ ކުރީގައި އުޅޭ އިންޖިނއަރިންގ އިންސްޓިއުޓްތައް ކަމަށްވާ އައިއައިޓީގައި ޒުވާނުންނަށް ހުނަރު ދަސްކޮށް ދިނުމުގެ އައު ކޯސްތައް ތައާރަފް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރތާއަށް ވާހަކަ ދައްކަވަމުން މާލީ ވަޒިރު ވިދާޅުވީ، ދަނޑުވެރި ކަމުގެ ތައުލީމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން އޯރގަނިކް ދަނޑުވެރިކަމާއި، މިޒަމާނުގެ ދަނޑުވެރިކަމުގެ ހުނަރުތައް ހިމެނުމަށްޓަކައި ދަނޑުވެރިކަމާ ބެހޭ ޔުނިވަރސިޓީތަކުގެ ސިލަބަސް މުރާޖަޢާކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އިންޑިއާއަށް ބޭރުގެ ޔުނިވަރސިޓީތަކުގެ ގޮފިތައް ގެނައުމުގެ ގޮތުން ގުޖުރާތު އިންޓަނޭޝަނަލް ފައިނޭންސް ޓެކްނިކަލް ސިޓީ (ގިފްޓް ސިޓީ) ގައި ބޭރުގެ ޔުނިވާސިޓީތައް ގާއިމުކުރުމުގެ ހުއްދަ ދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެތަންތާނގައި ފައިނޭންޝަލް މެނޭޖްމަންޓާއި ޓެކްނިކަލް އަދި މެތަމެޓިކްސް ކޯސްތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ.
އިންޑިއާއިން ވަނީ މިއަހަރު ޑިޖިޓަލް ކަރަންސީ ތައާރަފް ކުރާނެ ކަމަށްވެސް ބުނެފައެވެ.