މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން އުތުރުގެ 5 ރަށެއްގައި އަލަށް އިމާރާތް ކުރާ އިންޖީނުގެތަކުގައި ބިންގާ އަޅައިފިއެވެ.
ފެނަކައިން އަލަށް އިމާރާތް ކުރާ އިންޖީނުގެ ތަކުގައި ބިންގާ އެޅި ރަށްތަކަކީ ހއ.ދިއްދޫ ،ށ. މާއުނގޫދޫ ، ށ.ފޭދޫ ، ނ.މަނަދޫ ، ނ. ފޮއްދޫ އެވެ.
ހއ ދިއްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފައިވަނީ އިއްޔެ ހެނދުނުއެވެ. އެކަމަށްޓަކާ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިއްދޫ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދުގެ އިތުރުން ދިއްދޫގެ ރައްޔިތެއް ކަމަށްވާ އަބްދުއްﷲރަޝީދެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން ކުރިޔަށްދާ މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދިއްދޫގައި އިމާރަތްކުރާ އިންޖީނުގޭގައި 10 މެގަވޯޓުގެ ސިސްޓަމެއް ބެހެއްޓޭނެކަމަށެވެ.
މީގެ ތެރެއިން ށ. މާއުނގޫދޫ އަދި ށ.ފޭދޫގައި އިމާރާތްކުރާ އިންޖީނުގެ ނިންމުމަށް ހަވާލުކޮށްފައިވަނީ 280 ދުވަހުގެ މުއްދަތަށެވެ.
ށ. ފޭދޫ ގައި އަލަށް އިމާރާތް ކުރާ ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނަކައިގެ އެމް.ޑީ އަޙްމަދު ސައީދާއި , ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އެވެ.
ފެނަކައިން ބުނީ ށ.ފޭދޫ އިންޖީނުގޭގެ މަސައްކަތް 280 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ނާސާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ.
ށ. މާއުނގޫދޫ ގައި އަޅާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދާއި މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ އަބްދުލް ހަނާން ހުސައިން ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
މި ރަށްތަކުގެ އިތުރުން ނ.ފޮއްދޫ އަދި ނ. މަނަދޫ ގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅުއްވާ ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނަކައިގެ އެމްޑީ ސައީދު އަދި މަނަދޫ އިން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އެވެ. ނ. ފޮއްދޫގައި އަޅާ އިންޖީނުގޭގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކައިގެ އެމްޑީ ސައީދު އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް އެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެތެރެއިން މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރު މިހާތަނަށް ފެނަކައިން ސަތޭކަ ފަންސާސް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.