ގދ. ފަރެސްމާތޮޑާގައި ކޮންވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އާބާދީގައި 1786 މީހުން އުޅޭ އެރަށުން ވަނީ މިހާތަނަށް 65 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 41 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ބަލީން ފަސޭހަ ނުވާ ނުވަތަ އެކްޓިވް ކޭސްގެ އަދަދަނީ 24 އެވެ.

މިހާތަނަށް 326 ސާމްޕަލް އެރަށުން ވަނީ ނަގައިފައެވެ. އޭގެތެރެއިން 34 ސާމްޕަލެެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެރަށުގައި 93 މީހަކު އެބަތިއްބެވެ. އިއްޔެ ވެސް އެރަށުން ވަނީ 10 މީހަކު ޕޮޒިޓިވް ވެފައެވެ.

ފަރެސްމާތޮޑާއިން މީގެ ކުރީން ވެސް ދެ ފަހަރެއްގެ މަތީން ވަނީ ކޮވިޑް ފެނި މޮނިޓަރިންއަށް ލައިފައެވެ. އެހެންނަމަވެސް މިފަަހަރު އަދި މޮނިޓަރިންއަށް ނުލައެވެ.

އެރަށު ސިއްހީމަރުކަޒުން ވިދާޅުވީ ކުރީ ދެފަހަރުވެސް އެބަލި ފަސޭހައިން ކޮންޓްރޯލް ކުރެވުނީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން މިފަހަރުވެސް އެފަދަ އެއްބާރުލުމެއް ބޭނުންވާ ކަމަށް ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. ބޭނުންވާ އެއްބާރުލުމަކީ ކޮންޓެކްޓް ޓްރޭސިންގައި އޮޅުވާ ނުލުމާއި، ކިރިހާ ހުމުގެ ނުވަތަ ރޯގާގެ އަސަރެއް ފެނުނަސް ސިއްހީމަރުކަޒަށް ގުޅައި ރިޕޯޓު ކުރުމާއި ދެކޮޅު ހެދުމަކާ ނުލައި ސާމްޕަލް ދިނުމާއި ކަރަންޓީނުގެ މުއްދަތުގައި ބޭރަށް ނުކުމުގެ ނޫޅުން ފަދަ ކަންކަމެވެ.

އެރަށުގައި މިހާރުވެސް 25 ގެ ވަނީ ކަރަންޓީނު ކުރެވިފައެވެ. މި ބަލި ވަރަށް ހަލުއިކަމާއެކު މިހާރުދަނީ ރަށްރަށުގައި ފެތުރެމުންނެވެ. ވެކްސިން ފުރިހަމަކޮށްފައިވިޔަސް ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ސިއްހީދާއިރާތަކުން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ.