ކ. ގުޅީގައި ފެނާއި ނަރުދަމާގެ ޚިދުމަތްދޭން މިއަދު ފެށުމުން އެރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބޭނޭ ކަމަށް ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެރަށުގައި މި ޚިދުމަތް ފަށްޓަވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
މުޣުނީ އެގޮތަށް ވިދާޅުވީ ގުޅި އަކީ ފަތުރުވެރިކަމާއި، އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއްކަށްވާތީއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ އިން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކ.ގުޅި ކައުންސިލްގެ ނާއިބް ރައީސް އިބްރާހިމް ފާއިޒް ވިދާޅުވީ، މީގެ ކުރިން އެރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން، ތަފާތު ހިތްދަތި އަދި ދަތި އުނގޫ ދުވަސްތައް ރައްޔިތުން ތަހައްމަލް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މީގެ 24 އަހަރު ކުރީގެ ވަގުތީ ނަރުދަމާ ނިޒާމުގެ ޚިދުމަތަކީ މާޒީކަން ފާހަގަކުރައްވާ، މިއަދު އިފްތިތާހް ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމު ގެ މަޝްރޫއަކީ މިހާތަނަށް ރަށުގެ ތާރިޚުގައި ސީދާ ރަށުގެ ރައްޔިތުންނާ ގުޅޭ އެންމެ މަންފާލިބިގެންވާ މަޝްރޫޢު ކަމަށް ވިދާޅުވިއެވެ. މިކަމުން އަންގައިދެނީ ސަރުކާރުން ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަން އޭނާ ވިދާޅުވިއެވެ.
ގުޅިއަށް ކަރަންޓުގެ ޚިދުމަތް ވެެސް ފޯރުކޮށްދެއްވަނީ ސްޓެލްކޯ އިންނެވެ. މިއަދުން ފެށިގެން ފެނާއި ނަރުދަމާގެ ޚިދުމަތް ދެއްވާނީ ވެސް އެކުންފުނީންނެވެ. ފެނުގެ ޚިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ އެރަށުގައި ބަހައްޓައިފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ޚިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައި ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.