ބަނޑުހިކި ބޮޑުކަމުދާން އުނދަގޫވުމަކީ ކުޑަ ކުދިންނާއި ބޮޑެތިމީހުންށްވެސް ދިމާވާ ވަރަށް އާންމު ކަމެކެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްވަރު ގިނަ އަންހެނުންނަށް ބަނޑުހިކުމުގެ މައްސަލަތައް ދިމާވެއެވެ. ޑޮކްޓަރުން ބުނަނީ މާބަނޑު ދުވަސްވަރު ކާންޖެހޭ ކެލްސިއަމް އާއި އަޔަން ބޭސްތަކުގެ ސަބަބުން ބަނޑުހިކުން މެދުވެރިވެދާނެ ކަމަށެވެ. އެހެންނަމަވެސް މިއީ އަޅާނުލާ، ފަރުވާ ނުހޯދާ ތިބޭވަރަށްވުރެ މާ ބޮޑުކަމެކެވެ.
ބަނޑުހިކުމުގެ މައްސަލަތައް ދިމާވާކަމަށް ގިނައިން ރެކޯޑް ކުރެވިފައިހުރީ އަންހެނުންނާއި ކުޑަކުދިންނަށެވެ. އެގޮތުން އެމެރިކާއިން ދުވާލެއްގެ މައްޗަށް 4 މިލިޔަން މީހުން ބަނޑުހިކި، ބޮޑުކަމު ނުދެވިގެން ޑޮކްޓަރަށް ދައްކައެވެ. އެމެރިކާގެ ނެޝެނަލް ޑައިޖެސްޓިވް ޑިސީސް އިންފޮމޭޝަންއިން މައުލޫމާތު ދޭގޮތުގައި ބަނޑުހިކުމަކީ ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުލިބުމުން ވާކަމެއް ނޫނެވެ. އަދި ބޮޑުކަމުދާ ތަކެއްޗާއި ހަމައަށް ފެން ނުފޯރުމުން ވާކަމެއްވެސް ނޫނެވެ.
ބަނޑުހިކި ބޮޑުކަމުދާން އުނދަގޫވާނަމަ ބައެއްފަހަރަށް ވަރަށް ގިނައިރު ފާހާނާ ތަށިމަތީގައި އިނދެވެ އެވެ. މިހެން ގިނައިރު އިނދެގެންވެސް ރަނގަޅަށް ބޮޑުކަމު ނުދެވޭފަހަރު އާދެއެވެ.
ރަނަގަޅަށް ބޮޑުކަމު ނުދެވޭނަމަ ބަނޑުގައި ވައިހެދި ބަޑަށް ތަދުވެ އެވެ. އަދި ދައްބަނޑަށް އުނދަގޫވުމާއި ބަނޑު ދުޅަވެފައި ހުންނަހެންވެސް ހީވެއެވެ. މީގެ އިތުރަށް ކާހިތްނުވުމާއި ރަނގަޅަށް ނުކެވި، އަބަދު ހޮޑުލާވާފައި ހުންނަގޮތް ވެއެވެ. ބައެއް މީހުނަށް ހޮޑުލެވޭވެސް މެއެވެ.
ބަނޑުހިކި ބޮޑުކަމު ނުދެވުމުން އިތުރު ބަލިތަކަކަށް މީހާ ހުށަހެޅެއެވެ. އެގޮތުން ފުރަގަސްފަރާތުން ލޭއައުން، ފުރަގަސްފަރާތް ދުޅަވުން، އަދި ފުރަގަސްފަރާތް ފޭބުން ހިމެނެއެވެ.
ބަނޑުހިކުމުގެ މައްސަލަ ދިމާވާނަމަ، ފައިބާ ގިނަ ކާނާ ކެއުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ. ފައިބާ ގިނައިން ހުންނަކާނާގެ ތެރޭގައި ބްރޮކޮލީ، ބީންސް، އާފަލު، ކަދުރު ފަދަ ތަކެތި ހިމެނެއެވެ. ފައިބާގިނަ ކާނާގެ އިތުރަށް ގިނައިން ދިޔާ ތަކެތި ބޭނުންކުރުން ރަނގަޅެވެ. ހަމައެހެންމެ ފާޚާނާއަށްދާން ވަކި ގަޑިތަކެއް ކަނޑައެޅުމާއި ކޮންމެ ގަޑިއަކު ބޮޑުކަމުދާން ޖެހުނަސް، ކުރަންހުރި ކަމެއް ހުއްޓާލާފައި އަވަހަށް ދިއުން ރަނގަޅެވެ.
ބޮޑުކަމު ނުދެވި ހަފުތާއެއްވަންދެން ނުހުންނާށެވެ. އަމިއްލައަށް ގޭގައި ފަރުވާ ހޯދައިގެންވެސް ހައްލެއް ނުލުބެއްޖެނަމަ، ޑޮކްޓަރަށްދައްކާ ފަރުވާ ހޯދަންވާނެއެވެ.
މައުލޫމާތު: މެޑިކަލް-ނިއުސް ޑޮޓް އޮގް