ފޯރިގަދަ ކުޅުމަކަށްފަހު، ސަތާރަ މިނެޓުގެ ތެރޭގައި ޖެހި ތިން ލަނޑުން ބުރްކީނާ ފާސޯ 1-3 އިން ބަލިކޮށް މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ސެނަގާލް ރޭ ޖާގަ ހޯދައިފިއެވެ.
މެޗުގެ ފަހު ވިހި މިނެޓަށް އަޅައިގަތްއިރުވެސް ދެގައުމުން ކުރެ ގައުމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނެތުމުން، ނަތީޖާ ނެރެން ޖެހޭނީ 15 މިނެޓުގެ އިތުރު ދެހާފް ނުވަތަ ޕެނަލްޓީ ޖަހައިގެން ކަމަށް ބެލެވިފައި ވަނިކޮށް، މުޅި މެޗުގެ އޮއިވަރު ބަދަލު ވެގެންދިޔައީ 70 ވަނަ މިނެޓާއި 76 ވަނަ މިނެޓުގައި ސެނަގާލުން ކައިރިކައިރީގައި ދެލަނޑު ޖަހައި ލީޑް ނެގުމުންނެވެ. ސެނަގާލުން ލީޑް ނެގި ލަނޑު ކާމިޔާބު ކޮށްދިނީ ފްރާންސަށް އުފަން އަދި އެގައުމުގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޑިފެންޑަރު އަބްދޫ ޑިއައްލޯއެވެ. ސެނަގާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕީއެސްޖީގައި ކުޅެމުންދާ ޑިފެންސިވް މިޑްފީލްޑަރު އިދްރިއްސާ ގުއޭއެވެ.
މުބާރާތުގައި ވަރުގަދަ އެޓޭކިންގ ގޭމެއް ކުޅުނު ބުރްކީނާ ފާސޯއިން ސެނަގާލް ކޮޅަށް 82 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ސެނަގާލް ހާސްކޮށްލިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މިސްރު ލީގުގައި ކުޅޭ މިޑްފީލްޑަރު ބަލާޓީ ޓޯރޭއެވެ. ޕްރެޝަރުގައި ކުޅެމުން ދިޔަ ސެނަގާލަށް ހިތްހަމަ ޖެހުމެއް ލިބުނީ އެގައުމުގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ، ލިވަޕޫލަށް ކުޅެމުން އަންނަ ސާޑިއޯ މާނޭ 87 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑް ފުޅާ ކޮށްދިނުމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ މާނޭއެވެ.
ފައިނަލުގައި ސެނަގާލް ބައްދަލު ކުރަން ޖެހޭ ގައުމެއް ކަށަވަރު ވާނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކެމަރޫން އާއި މިސްރު މިރޭ ބައްދަލު ކުރާ މެޗަށްފަހުއެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.
ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.