ދީބާޖާ އިންވެސްޓްމަންޓްގެ އެއްބަސްވުން ދައުލަތުން ބާޠިލް ކުރުމާ ގުޅިގެން ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ ފައިސާގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލު ކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރިމުން ދީބާޖާ އިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށެހެޅި މައްސަލައެކެވެ.

މައްސަލާގައި 17 އޭޕްރީލް 2019 ވަނަ ދުވަހު، ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާ ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ އުސޫލުތަކާއި، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަަމަށެވެ. އެގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ދީބާޖާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމް ކޮށްފައެވެ

ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އޮކްޓޯބަރު 14 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެދިފައެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދީބާޖާއިން ފާހަގަކުރި އިޖުރާއީ ނުކުތާތައް ބަލައިގަނެފައެވެ.

އެ އަޑުއެހުމުގައި ދައުލަތުން ފަރާތުން އެދުނީ، އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެެ.

އަދި ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރަތް އޮތް މުއްދަތު ފަހަނަ އަޅާ ދިއުމުން އެ މައްސަލަ ހައިކޯޓުން ބަލައިގެން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، ހައިކޯޓުގެ ހުކުމް ބާތިލްކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން، ނިންމި ނިންމުމެއް ކަމަށެވެ.

ހުކުމުގައި ފާހަގަކޮށްފައިވަނީ ސަރުކާރާއި ދީބާޖާއާ ދެމެދު އެއްބަސްވެވިފައިވާ އެއްބަސްވުމަކީ ވިޔަފާރި ނުވަތަ ކޮމާރޝަލް އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެ އެއްބަސްވުމަކީ އާންމު ހިދްމަތް ދިނުމާބެހޭ އެއްބަސްވުމެއް ކަމަށާ އެ އެއްބަސްވުމުގައި ބަލަން ޖެހޭނީ އެޑްމިނިސްޓްރޭޓިވް ގާނޫނުގެ ދަށުން ކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި ސިވިލް ކޯޓުގެ ހުކުމުގައި އެއްބަސްވުމުގެ ދަށުން ހިދްމަތްދޭ ފަރާތަށް ގެއްލުން ކުރިމަތިވާނެ ކަންކަމުން އެފަދަ ތަންތަނަށް ނަފާ ލިބިދޭނެ ގޮތަށް ކަންކަން ކުރުމަކީ ދައުލަތުގެ މާއްޗަށް ލާޒިމް ކަމެއް ކަމަށް ބަޔާންކޮށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، އިދާރީ އެއްބަސްވުމެއްކަން ނުވަތަ ނޫންކަން ރަނގަޅަށް ދެނެގަނެވިފައި ނެތުމުން ނިންމާފައިވާ ނުރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ހައިކޯޓުން ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމުގައި ވެއެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގާދިނުމަށް އެދިފައިވަނީ، 2،410،343،580ރ (ދެ ބިލިއަން ހަތަރުސަތޭކަ ދިހަ މިލިއަން ތިންލައްކަ ސާޅީސްތިންހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ) އެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348،995،154ރ (ތިންސަތޭކަ ސާޅީސްއަށް މިލިއަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ އެހުކުމް ކުރި ތާރީހް ކަމަށްވާ 5 ފެބްރުއަރީ 2015 ވަނަ ވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުގަައި މި މައްސަލަ އޭރު ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.