ފާއިތުވި 15 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނަ މަސްކިރުވީ ނިމިގެންދިޔަ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން މަސްވެރިންނަށް މިހާރު އޮންނާނެ ކަމަށެވެ.

މިފްކޯއަށް މިހާރު މަސް ގަންނަމުންދާނީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭނަމަ މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ އުސޫލުން، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯ އަށް މަސްގަންނަ އަގު ބޮޑުވާނެ ކަަމަށެވެ.

މިފްކޯ، އެސްޓީއޯގެ ދަށުން ވަކިކޮށް އަމިއްލައަށް ހިންގާ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި ބަދަލުވެގެންދާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ. އޭގެ އިތުރުން މިފްކޯގެ ކެޕޭސިޓީ ވެސް އިތުރުކުރުމާބެހޭ ގޮތުން ވާހަކަފުޅުދެއްކެވިއެވެ. މަސްވެރިންގެ ލާބައާ މަންފާއަށް ކުރައްވާ ކަންކަމުގެ ތެރޭގައި މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދޫކުރަންފެށުމަށް ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އިޤްތިޞާދު ސިންދަފާތު ކުރުމުގައި ސަރުކާރުން އެންމެ އިސްކަންދެނީ ދަނޑުވެރިކަން ތަރައްޤީކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެގްރޯނެޓްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދެވީ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށްވިދާޅުވިއެވެ. އެގްރޯނެޓް އުފެއްދި ފަހުން މިހާތަނަށް ލިބިފައިވާ ބައެއް ކުރިއެރުންތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިކަމަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހި އުފެއްދުން އިތުރުކޮށް ނަފާ ހޯދުމުގެ ފުރުޞަތު ދިވެހި ދަނޑުވެރިންނަށް ލިއްބައިދިނުމުގެ ގޮތުން، ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ކުރިޔަށް އޮތްތަނުގައި މަތިކުރެވޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެޅުއްވި ފުރަތަމަ ފިޔަވަޅަކީ އެސްއެމްއީ ބޭންކު އުފެއްދުން ކަމުގައި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މިހާތަނަށް އެ ބޭންކުގެ ތަޖްރިބާ ރަނގަޅުކަން ފާހަގަކުރައްވައި އެސްއެމްއީ ލޯނު ހޯދައިގެން ފެށި ބައެއް ވިޔަފާރިތަކުގެ ތަޖުރިބާއިން މިސާލުޖައްސަވާފައެވެ. އެސްއެމްއީ ބޭންކުން މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގުމަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ ލޯނު އެހީ ވަނީ ދޫކޮށްފައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޒުވާނުންނާ ހުނަރުވެރިންގެ މަސައްކަތާ ވިޔަފާރި ބައިނަލްއަޤްވާމީ މަރކެޓަށް ހުޅުވުމަށް ހުރި ހުރަސްތައް ސަރުކާރުން ނައްތާލުމުގެ ގޮތުން ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭ ހުޅުވާނެކަން ވެސް ހާމަކުރައްވާފައެވެ.