އައިސިސް ޖަމާއަތުގެ ލީޑަރު މަރާލައިފިއެވެ. މިއަދު އިދްލިބްގައި އެމެރިކާގެ ކޮމާންޑޯޒްއިން ދިން ހަމަލާގައި މަރާލާފައިވާ މީހާއަކީ، އަބޫ އިބްރާހީމް އަލްހާޝިމީ އަލްގުރަޝީ އެވެ. އޭނާއަކީ އަބޫބަކުރު އަލްބަޣްދާދީގެ ފަހުން އައިސިސްގެ ލީޑަކަށްވެގެން އުޅުނު މީހެކެވެ.
އޭނާގެ މަރާ ބެހޭ ގޮތުން އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނަނީ ކޮމާންޑޯޒްއިން ދިން ހަމަލާގައި އޭނާ މަރާލެވުނީ ކަމަށެވެ. ނަމަވެސް ބައެއް ރިޕޯޓްތައް އެމެރިކާ ކޮމާންޑޯޒްއާ ހަވާލާދީ ބުނަނީ އޭނާ އަމިއްލައަށް ޖާނު ގޮއްވާލައިގެން މަރުވިއިރު އޭގައި އާއިލާގެ ކުޑަކުދިންނާއި އަންހެނުންތައްވެސް މަރުވީ ކަމަށެވެ.
ގުރަޝީއަކީ އެތައް ނަމުން މަޝްހުރުވެފައިވާ މީހެކެވެ. އޭނާގެ ތަފްސީލެއް މާބޮޑަކަށް ސާފުވެފައެއް ނުވެއެވެ. އޭނާއަކީ އިރާގްގެ ނޭންނަވާގެ މުދިމެއްގެ ދެ އަނބިންނަށް ލިބިފައިތިބި ކުދިންގެ ތެރޭން އެންމެ ހަގު ދަރިފުޅެވެ. އޭނާ ކިޔެވީ މޫސަލްގެ ދީނީ ޔުނިވަރސިޓީއެއްގައެވެ. ސައްދާމްގެ ވެރިކަމުގައި އެނާ ސިފައިންގެ ތެރޭގައި އުޅުނެވެ.
އޭނާއަކީ ރަހުމު ކުޑަކަމަށް ނަން ކިޔޭ ހަރުކަށި މީހެކެވެ.
އެމެރިކާ ސިފައިން އިރާގް ހިފިފަހުން ބަގްދާދީއާއެކު ގުރަޝީވެސް އެމރިކާ ސިފައިން ޖަލަށް ލައިގެން ގެންގުޅުނެވެ.
އެމެރިކާއިން ވަނީ ގުރަޝީ ހޯދައިދޭ މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭން ހުށަހަޅާފައެވެ.
މުހައްލިލުން ބުނާ ގޮތުގައި ގުރަޝީއަކީ ނަމެކެވެ. އައިސިސް ވަނީ ކުރިއަށް ވުރެން ބާރުގަދަވެފައެވެ. އަދި އައިސިސް އަކީ ލީޑަރޝިޕެއް ނެތައް އޮޕަރޭޓް ކުރެވޭ ވަރުގެ ލާމަރުކަޒީ ގޮތަކަށް އޮޕަރޭޓް ކުރާ ބައެކެވެ. އެމީހުންގެ އުކުޅަކީ ހަމަލަދީފައި ފިލައި ތިބުމެވެ.