"ވެމްކޯ" ގެ ނަމުން ނަންދީފައިވާ ވަރުގަދަ ތޫފާން ފިލިޕީންސަށް އެރުމުގެ ސަބަބުން އެގައުމުގެ އެންމެބޮޑު ރަށް ލުޒޯންއިން އެތައްބަޔަކު މަރުވެ، ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ.

ލުޒޯންއަކީ ފިލިޕީންސްގެ ވެރިރަށް މެނީލާވެސް ހިމެނޭ ރަށެވެ.

ތޫފާނުގެ ސަބަބުން ލުޒޯންގެ ޕްރޮވިންސްތަކަށް ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ބޮޑެތި އެތައް ގެއްލުންތައް ލިބިފައި ވެއެވެ.

ފިލިޕީންސްގެ ޑިޒާސްޓަރ އޭޖެންސީން ބުނެފައިވަނީ، ތޫފާނުގެ ސަބަބުން ލުޒޯންގެ ދެ ސަރަހައްދަކުން 11 މީހުން މަރުވެ، އިތުރު 9 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ "ވެމްކޯ" ތޫފާން އަރާނެ ކަމަށް ލަފާކުރެވުމާއެކު، އައްސޭރިފަށާއި، ބިންތިރި ހިސާބުތަކާއި އަދި ނާޒުކު ހިސާބުތަކުން 2 ލައްކައަށްވުރެ ގިނަމީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވުނު ކަމަށެވެ. ބައެއްމީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔައީ ގަދަކަމުން ކަމަށްވެސް ބުނެފައި ވެއެވެ.

ތޫފާން އެރުމުގެ ސަބަބުން ވެރިރަށް މެނީލާއާއި، މެނީލާގެ އަވަށްޓެރި ޕްރޮވިންސްތަކުގެ ގާތްގަނޑަކަށް 1.9 މިލިއަން މީހުން މިވަގުތު ތިބީ ކަރަންޓު ނެތިއެވެ.

ތޫފާނުގެ ސަބަބުން ގިނަ ހޮޅިދަނޑިތައް ވެއްޓި، ކޭބަލްތައް ބުރިވެ، ގިނަ ޓްރާންސްފޯމަރުތައްވެސް ހަލާކުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ މަންޒަރު ފެންނަ ވީޑިއޯތައް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ތޫފާން "ވެމްކޯ" ފިލިޕީންސަށް މި އެރީ "ގޮނީ" ގެ ނަމުން ނަންދީފައިވާ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމާއި، ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

ތޫފާން "ގޮނީ" ގެ ސަބަބުން 25 މީހުން މަރުވެ، އެތައްހާސް ގެދޮރެއް ހަލާކުވިއެވެ.

ފިލިޕީންސްގެ ރައްޔިތުން ތޫފާންތަކާ ކުރިމަތިލާންޖެހިފައި ވާއިރު، އެގައުމުގައި ކޮވިޑް ބަލީގެ ހާލަތުވެސް ވަރަށް ގޯހެވެ.