މިހާރު ކުރިއަށްދާ ށ. ކޮމަންޑޫދާއިރާގެ ބައި އިލެކްޝަންގައި ކޮމަންޑޫގެ ފޮށްޓަކާއި ފޯކައިދޫގެ ފޮށްޓެއް ބަންދުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބަންދުކޮށްފައިވަނީ ކޮމަންޑޫގައި ބެހެއްޓި ދެވަނަ ފޮށްޓާއި ފޯކައިދޫގެ އެއްވަނަ ފޮށި ކަމަށެވެ.

ނަމަވެސް ފޯކައިދޫގައި ހުރި ދެވަނަ ފޮށްޓާއި ކޮމަންޑޫގައި ހުރި އެއްވަނަ ފޮށްޓާއި މަރޮށީގައި ބެހެއްޓި ފޮށި ކައިރީގައި ވޯޓުލާން މީހުން އެބަތިބި ކަމަަށާއި މާލޭގެ އިސްކަންދަރު ސްކޫލްގައި ހުރި ދެ ފޮށި ވެސް އަދި ބަންދުކޮށްފައި ނުވާ ކަމަށް އީސީން ބުނެއެވެ.

ކުރިންވެސް ރޭވިފައިވާ ގޮތަށް މިއަދު ހަވީރު 4 ޖެހިއިރު، ވޯޓު ފޮށިތަކުގެ ކިއު ބަންދުކޮށްފައިވާ ކަމަށާއި އޭގެ ފަހުން ކިއުއަށް އެރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވެސް އީސީން ބުނެފައިވެއެވެ. އަދި ބަންދު ކުރެވޭ ފޮށިތައް ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް ގުނުން ކުރިއަށްދާނޭ ކަމަށް ވެސް ބުންޏެވެ.