މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށްގެންދިޔަ ޕްރިވިލެންސް ސަރވޭ ނުވަތަ އެންޓިބޮޑީ ސަރވޭއަށް ސާމްޕަލް ނެގުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ސަރވޭ އެކެވެ. މި ސަރވޭގައި ޖުމްލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުންޏެވެ.

މި ސަރވޭ ކުރިއަށް ގެންދިޔައީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ.

މި ސަރވޭގެ ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުމެވެ.