އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ބަންދުކޮށްފައިވާ ހޮސްޕިޓަލެއްގެ ތެރޭގައި ބިރުވެރި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ހާމަކޮށްފިއެވެ.
އެ ނޫހުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ތާލިބާނުންގެ ރިހެބިލިޓޭޝަން ސެންޓަރެއްގެ ގައިދީން ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގައެވެ. މިހަސްފަތާލުގައި ތިން މީހުން އެއް އެނދު ހިއްސާކުރެއެވެ. ކާނާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި ވުމުން ފަތްޕިލާވެއްޔާއި ބުޅާފަދަ ޖަނަވާރުވެސް ކާން މިމީހުންނަށް މަޖުބޫރުވެއެވެ.
ތާލިބާނުން އަފްޣާން ސަރުކާރު އަތުލިފަހުން ވެފައިވާ އެއް ވައުދަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ ކަމުގެ ވައުދެވެ.
މިހާރު ތާލިބާނުން ވެރިކަމުގައި ތިބޭތާ ހަ މަސް ފަހުން މި ކަމަށް ވަކި ބަދަލެއް އައިސްފައެއް ނުވެއެވެ. ތާލިބާނުން ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެތައް ހާސް ބަޔަކު ހައްޔަރުކޮށް، މިމީހުން ތިން މަސް ދުވަސް ވަންދެން ހޮސްޕިޓަލުތަކުގައި ބަންދުކޮށްފައި ބައިތިއްބާން ނިންމާފައެވެ. އަދި ކަން ކުރަމުން ދަނީވެސް އެފަދަ އިންނެވެ.
މިދިޔަ މަހު ޑެންމާކުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ އެޑިކްޓަކު ބުނީ އެ ހަސްފަތާލުގައި ތިބޭ މީހުން ބަނޑަށް ޖެހިގެން އިންސާނެއްގެ ބަނޑު ފަނޅާލައިގެން އެތެރެހަށީގެ ގުނަވަންތައް ނަގައިގެން ފިހެގެން ކައިފައިވާ ކަމަށެވެ. އެހެން މީހަކު ކިޔައިދިން ގޮތުގައި ކާނެ އެއްޗެއް ނުލިބި ގިނަ ދުވަސް ވުމުން މިތާގައި މީހުން ބަނޑަށް މަރުވުމަކީ އާންމު ކަމެކެވެ.
ޑެންމާކްގެ ޕަބްލިކް ރޭޑިއޯއަށް އޭނާ ކިޔައިދިން ގޮތުގައި ބައެއް އެޑިކްޓުން ވަނީ ހަސްފަތާލުގެ ބަގީޗާ ތެރޭން ބުޅަލެއް ހިފައިގެން ކަރުބުރިކޮށްގެން ފިހެގެން ކައެފައެވެ.
އެޑިކްޓުން ބުނާ ގޮތުން މިތާގައި ތިބޭ ޑޮކްޓަރުންނަކީ ގައިދީންނާ މެދު ހަމްދަރުދީވާ ބައެކެވެ. ނަމަވެސް އެމީހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ޑޮކްޓަރުންނާއި ސްޓާފުންނަށް މުސާރަ ނުދެވި އެތައް މަހެއް ފާއިތުވެގެން ގޮސްފައި ވެއެވެ.
ތާލިބާނުން ވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ތާލިބާނުންގެ އޮފީހުގެ ވެރިޔާ ހަސީބުالله އަހްމަދީ ބުނީ މި މީހުންނަކީ މަސްތުގެ ހާލަތުގައި ތިބޭ ބައެއްކަމުން އެމީހުންނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ކަމަށެވެ.