ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ޤައުމުގެ ދެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

2022 ފެބްރުވަރީ 4 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި، އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނަކާއި މެދު ޝައްކުކުރެވިގެން މި ދެފަސިންޖަރުންގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، މި ދެ ފަސިންޖަރުންގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.

ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. 21 އަހަރުގެ ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.760 ކިލޯގުރާމް ހުރި އިރު، 23 އަހަރުގެ އަންހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.503 ކިލޯގުރާމް ހުއްޓެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 4.263 ކިލޯގުރާމް ހުއްޓެވެ.

މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21،315،000.00 (އެކާވީސް މިލިއަން ތިންސަތޭކަ ފަނަރަ ހާސް) ރުފިޔާއަށް އަރައެވެ.

މިމައްސަލަތަކުގަައި ޝާމިލްވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.