މިދިޔަ ހަފުތާގާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު އެތަނުގެ އިހުމާލުން ބުރިވި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިރޭ ވިދާޅުވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލެއް ކަމަށާއި މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމު ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލް ކުރެވިފައިވާ ފަރާތް ކަމަށެވެ. އެހެންކަމުން އައްޑޫ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި މީހަކަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގާދިޔަ ގޮތް އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

"އަދި ކަނޑައެޅިފައިވާ އުސޫލު ތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަމެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެ އަންހެންމީހާގެ ހާލު ދެރަވުމުގެ ސަބަބުން އާއިލާއިން ވަނީ އެމީހާ މާލެގެނެސް އޭޑީކޭއަށް ދައްކައިފިއެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އޭއީއެޗްގައި އެމީހާގެ ސިޒޭރިއަން ހެދީ މިދިޔަ މަހުގެ 23 ގަ އެވެ. އަދި އަންހެން މީހާގެ ހާލު އަދިވެސަ ސީރިއަސް ކަމަށް އާއިލާ އިން ބުނެ އެވެ.

އޭއީއެޗުގައި މިފަދަ އެތައް ކަމެެއް ހިނގާފައިވާ ކަމަށް ވެއެވެ. އެހެންނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. މިއީ ފަރުވާ ކުޑަވުމުގެ ސަބަބުންދިމާވާ ހިތާމަވެރިކަންކަން ކަމަށް މިފަދަ ކަންކަން ދިމާވާ އާއިލާތަކުން ބުނެއެވެ.