އެލިޒަބަތު އެލެކްޒެންޑްރާ މޭރީ ވިންޑްސަރ އުފަންވެވަޑައިގަތް އިރު އިނގިރޭސި ތަޚުތަށް އެކަމަނާ އިސްވެ ވަޑައިގަންނަވާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް ނަސީބުން އެކަމަނާގެ މުޅި މުސްތަގްބަލު ބަދަލުކޮށްލީއެވެ.
ރާނީ އެލިޒަބަތު 2 ވަނަ، ތަޚުތުގައި އިންނަވާތާ 70 އަހަރު ފާހަގަ ކުރައްވާނީ މިއަދުއެވެ. ގޮތް ނޭނގޭ، ގޮން ޖެހުން ބޮޑު ދުވަސްތައް އިނގިރޭސިންނަށް ކުމަތިވިއިރު، އޮމާންކަމާއެކު ބައިނަލްއަގްވާމީ ހަލަބޮލިކަމުގެ ތެރޭން އަމާން ބައްރަކަށް އެގައުމު ގެންދެވީ ވެސް އެލިޒަބަތު 2 ވަނައެވެ.
އިނގިރޭސިންގެ އިސްތިއުމާރުތައް ނިމުމާއި، ބޮޑު ހަނގުރާމައާއި ބައިނަލްއަގްވާމީ ބަދަލުތަކާއި ބައިނަލްއަޤުވާމީ ޓެރަރިޒަމްގެ ހަރަކާތްތައް ފެށުމާއި ބްރެކްސިޓްއާއި ކޯވިޑް-19ގެ ބަލިމަޑުކަން ފަދަ ލިސްޓު ނުކުރެވޭހައި އެތައް ކަމެއް ރާނީ ވަނީ ދެކެވަޑައިގެން އެކަންކަމާ މެދު ވިސްނަވައި މުއާމަލާތް ކުރައްވައި އިރުޝާދު ދެއްވައި ހައްދަވާފައެވެ.
އެލިޒަބަތު އިނގިރޭސި ޝާހީ ތަޚުތަށް އިސްވެވަޑައިގެން ގެންނެވި ހަމަޖެހުން ލިޔެވިގެން ދާނީ، ވިލިއަމް ދަ ކޮންކަރަރއާއި އެޑްވާރޑް ދަ ކޮންފެސަރއާއި އަލްފްރެޑް ދަ ގްރޭޓް ފަދަ އިނގިރޭސި ވަރުގަދަ ރަސްކަލުންގެ ނަންނަންފުޅުތަކާ އެކުގައެވެ.
ޖޯޖް 5 ވަނަ ރަސްގެފާނު ދެވަނަ، ދޮށީ ދަރިކަނބަލުން އެލިޒަބަތަށް މިހާރު އުމުރުފުޅުން 95 ފުރި ވަޑައިގެންފިއެވެ. އެކަމަނާ، 21 އެޕްރީލް 1926 ގައި އުފަންވެވަޑައިގަތް އިރު ލަފާކުރެވުނީ ޝާހީ ޚާންދާންގެ ކުޑަކުޑަ ޝާހީ ދައުރެއް އެކަމަނާއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެކަމަނާގެ ހަޔާތްޕުޅުގެ ހުރިހައި ކަމެއް ބަދަލުވެގެން ދިޔައީ އެޑްވަރޑް އަށް ވަނަ ރަސްގެފާނު އެމެރިކާގެ ބޭކަނބަލަކާ ކައިވެނި ކުރެއްވުމަށް ތަޚުތު ދޫކުރެއްވުމާ ގުޅިގެންނެވެ. އެއަށްފަހު، އެލިޒަބަތުގެ ބައްޕާފުޅު ޖޯޖް ހަވަނަ ރަސްގެފާނަށް ވެވަޑައިގެން ޒުވާން އަމީރާ ވަލީއަހުދެއްގެ ގޮތުގައި އިޚުތިޔާރު ކުރެއްވިއެވެ.
ބޮޑު ހަނގުރާމައިގައި ނާޒީންގެ ބޮންތައް ލަންޑަނަށް އޮއްސާލި އިރު މުސްތަޝާރުން އެރުވި ލަފައާ ދެކޮޅަށް ޖޯރޖު ރަސްގެފާނު ލަންޑަންގައި މަޑުކުރެއްވުމުން މީހުން އެރަސްގެފާނަށް އިތުރަށް ލޯބި އެރުވިއެވެ. ބޮޑު ހަނގުރާމައިގައި އެލިޒަބަތު ވަނީ ސިފައިންގެ ތެރޭގައި މަސައްކަތް ކުރައްވާފައެވެ.
އެކަމަނާގެ 21 ވަނަ އުފަންދުވަހު، އެކަމަނާގެ ހަޔާތްޕުޅު އިނގިރޭސި ދައުލަތަށާއި ކޮމަންވެލްތަށް ޚާއްސަ ކުރެއްވިއެވެ.
"އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ ކުރިފުޅުމަތީގައި އިޢުލާނު ކުރަން، އަޅުގަނޑުގެ މުޅި ޙަޔާތް، އެއީ ކިތަންމެ ދިގު ޙަޔާތެއް ކަމުގައިވިޔަސް، ނުވަތަ ކުރު ޙަޔާތެއް ކަމުގައިވިޔަސް، ތިޔަ ބޭކަލުންގެ ޚިދްމަތަށާއި، އަޅުގަނޑުމެން އެންމެން ނިސްބަތްވާ އަޅުގަނޑުމެންގެ ޝާހީ ޢާއިލާގެ ޚިދްމަތަށް ޚާއްސަ ކުރާ ކަމަށް" ރަނިކަމާ ހަވަލުވެ ވަޑައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޭޑިއޯ މެދުވެރިކޮށް ދެއްވި ޚިޠާބުގައި ރާނީ ވިދާޅުވިއެވެ.
1952 ވަނަ އަހަރު ޒުވާން އަމީރާ ބަލިހާލުގައި އޮންނެވި ބައްޕާފުޅުގެ ބަދަލުގައި ކޮމަންވެލްތުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއް ފެށްޓެވިއެވެ. ކެންޔާގެ ދުރު ހިސާބެއްގައި ހުންނަ ލޮޖްގައި ހުންނަވަނިކޮށް، އެކަމަނާގެ ބައްޕާފުޅު އަވަހާރަވި ކަމުގެ ޚަބަރު ލިބިވަޑައިގަތެވެ. އެއަށް ފަހު ވަގުތުން ގައުމަށް ވަޑައިގެން ރަނިކަމުގެ މަސްއޫލިއްޔަތާ ހަވާލުވެ ވަޑައިގަތެވެ.
ރާނީ އެލިޒަބަތު ވަނީ 14 ބޮޑުވަޒީރަކާއެކު މަސައްކަތް ކުރައްވާފައެވެ. އަދި އެމެރިކާގެ 13 ރައީސުންނާ އެކަމަނާ މުއާމަލާތު ކުރެއްވިއެވެ.
އަހަރަކު އެއްފަހަރު، ބަކިންހަމް ޕެލަސްއިން ފެށިގެން ހައުސް އޮފް ލޯޑްސްއާ ހަމައަށް، ޕާލަމެންޓް ހުޅުވުމުގެ ރަސްމިއްޔާތަށް އެއް މޭލަށް އެކަމަނާ ދަތުރުފުޅު ކުރައްވައެވެ.
ދުނިޔޭގެ ލީޑަރުން އެކަމަނާއަށް އިޙުތިރާމުގެ ޒިޔާރަތަށް ވަޑައިގަންނަވާއިރު ރަސްމީ ޖާފަތް ދެއްވައެވެ.
އިނގިރޭސި ތަޚުތުގައި އެންމެ ގިނަދުވަހަށް އިންނެވި ޝާހީ ޚާންދާންގެ ބޭފުޅަކީވެސް ރާނީއެވެ.
ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ޕްރިންސް ފިލިޕް އަވަހާރަވިއިރު، އިޖުތިމާއީ ގޮތުން ގައިދުރު ކަމެއްގައި އިންނަވައިގެން ރާނީ ހިތާމަ ފާޅުކުރައްވަމުން ގެންދެވިއެވެ.
މުއައްރިޚުން ވިދާޅުވާ ގޮތުގައި ރާނިއަކީ އެއްވެސް އިރެއްގައި ޝަކުވާއެއް ކުރައްވާ ބޭފުޅެއް ނޫނެވެ. އެކަމަނާ އާންމުންގެ އިހުތިރާމް ހޯއްދަވާފައި ވަނީ އަމިއްލަ ޝަޚްސިއްޔަތު ނަމޫނާއަކަށް ދައްކަވައިގެންނެވެ.