ފޯނު ހުޅުވާލިއިރު އެންމެ ފުރަތަމަ އަޅައިގަތީ ރައްޓެއްސަކު ހިސާކޮށްފައިވާ ލިޔުމެއްގައެވެ. އާސަހަރާގެ އަންހެނުން ނަމާދުކުރާބައި ކުޑަވެ، ޖާގައިގެ ދަތިކަން ކުރިމަތިވާ ވާހަކައެވެ. މި ޕޯސްޓަށް ސަމޫލުކަން ދެވުނީ އެކަން ތަޖުރިބާ ކުރެވިފައިވާތީއެވެ.

ތެދެކެވެ. ކަށުނަމާދުކުރަން އަންހެނުންނަށް ހަދާފައިވާ ތަންކޮޅު ވަރަށްކުޑައެވެ. ވަރަށް ގިނަފަހަރު މަގުމަތީގައި ތިބެން ޖެހެއެވެ. އަދި ސަންދޯއް ބަހައްޓާ ކޮޓަރިތަކުގައިވެސް ތިބެންޖެހެއެވެ. ފިތި ބާރުވެގެންނެވެ.

ހަމައެކަނި އަންހެނުން ނަމާދުކުރާ ބައެއްނޫނެވެ. އާސަހަރާގައި ފިހެރުން ނަމާދުކުރަން ހުންނަ މިސްކިތްވެސް ވަރަށް ކުޑައެވެ. ޖަނާޒާއަށްދާ ގިނަމީހުނަށް ނަމާދުކުރެވޭނެ ޖާގައެއް ނުހުރެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މި މާލޭގައި އެންމެ ގިނަމީހުންގެ ޖަނަޒާތައް ބާއްވާ، އާސަހަރާ މިސްކިތް ބޮޑުކުރެވޭނެ ގޮތެއް ނެތީހެއްޔެވެ؟ ނޫނެކެވެ. ގޮތްތައް އެބަހުއްޓެވެ. ބިމުގެ ޖާގަ ނެތުމުން ބުރިބުރިއަށް ނަގައިފައިހުރި އެތައް މިސްކިތެއް މި މާލޭ ސިޓީގައިވެސް އެބަހުއްޓެވެ. ދެން އޮތީ އެކަމުގެ ޚަރަދެވެ.

ދައުލަތުގެ ބަޖެޓުން އެކަންވާން ނެތްތަމަ، ރާއްޖޭގައި މިސްކިތްތައް ހަދައިދޭ އަމިއްލަ ފަރާތްތައް އެކަމަށް އިސްނަގާނެކަން ކަށަވަރެވެ. އެކަމަކު އެެފުރުޞަތު ހުޅުވާލުމުންނެވެ. މިހާރުވެސް އެތައް މިސްކިތަކާއި މަދަރުސާތަކެއް އަމިއްލަފަރާތްތަކުން އިމާރާތްކޮށްދީފައި އެބަހުއްޓެވެ. އެހެންކަމުން އާސަހަރާ މިސްކިތުގެ އަންހެނުން ޖަނާޒާގައި ބައިވެރިވާ އިމާރާތާއި ފިރިހެނުންގެ މިސްކިތުގެ ޖާގަ އިތުރު ކުރުމަށް ބޭނުންވާނޭ އެތައް ބަޔަކު ތިބޭނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.

މިހާރު ޖަނާޒާގައި ބައިވެރިވުމަކީ ކިހާބޮޑު ސަވާބަކާއި ދަރުމައެއް ލިބޭކަމެއްކަން މިސްތަކުންނަށް އެނގި އެކަމުގައި ބައިވެރިވާ މީހުން އިތުރުވެއްޖެއެވެ. އެހެންކަމުން މި ސަވާބާއި ދަރުމަ ހޯދަން އަންނަ އެންމެނަށްވެސް އެމަގު ފަހިކޮށްދެވޭނެއެވެ.

ޕާކުތަކާއި ފިނިމައިޒާނަށްވުރެ މިކަން ރައްޔިތުންވަނީ މާ ބޮޑަށްވެސް ބޭނުންވެފައެވެ. ބޭނުންވަނީ މަގުދެއްކުމެވެ. ބެލެނިވެރިފަރާތުން މަގެއް ހުޅުވާލުމުން ރާސްތާގައި ކުރިއަށް ދާނެއެވެ.