އެޑިޓަރުގެ ނޯޓު

ފުވައްމުލައް ތަފާތު ވަނީ މެދު އަޑި ފެންހެއު ރަށަކަށް ވުމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެރަށުގެ މުއްސަނދިކަމުގެ އެތައް ކަމެއްގެ ތެރެއިން ފުވައްމުލަކުގެ އަދަބިއްޔާތަކީ ވެސް ހުރިހައި މާނައެއްގައި ޚާއްސަ މަގާމެއް ލިބިފައިވާ އަދަބިއްޔާތެކެވެ. އޭގެ ތެރެއިން ދޫދޫމަތީން ކިޔެވެމުން އަންނަ ތަކެއްޗާއި ލިޔެ ބަޔާންވެގެންވާ ތަކެއްޗާއި އިލްމީގޮތުން ނުހަނު ބުރަދަން ލިބިގެންވާ އެތައް ބާވަތްތަކެއް ހިމެނެއެވެ.ޝައުގުން ފުރިގެންވާ މިފަދަ އެތައް ވާހަކަތަކެއް ފުވައްމުލަކާ ބެހޭގޮތުން ދެކެވެއެވެ. މިކަހަލަ ވާހަކަތައް މީހުން ދައްކައި އުޅެނީ އެވާހަކަތައް ހިތުގެ އަޑީން ގަބޫލުކޮށްގެން ނޫނެވެ. އޭގެ ބިއްދޮށުގައި ހުންނަ ވިސްނުންތަކާއި ސަގާފަތްތަކާއި އޭރުގެ ހާލަތުގެ ރެކޯޑްތަކެއް މިފަދަ ތަކެތީގައި ހިމެނިފައިވާތީ މިތަކެތި ހިމެނިފައިވަނީ އެބައެއްގެ ގައުމީ ހަޔާތުގެ ސަގާފީތަރިކައިގެ ތެރޭގައެވެ. އޭގެ ތެރެއިން މާނަވީ ތަރިކައިގެ ބައިގައެވެ. ފުވައްމުލަކުގެ މަލާއި މޭވާއަށްވުރެ ވެސް މިބައިގެ މުއްސަނދިކަން ބޮޑެވެ. މީގެ ތެރެއިން ކުޑަ މިންވަރެއް ނަމަވެސް ހަލި ނިއުސްގައި ސިލްސިލާކޮށް ގެނެސްދޭން ގަސްތުކުރަމެވެ.މިފަދަ ވާހަކަތަކަކީ އެކި މީހުން އެކިގޮތްގޮތަށް ކިޔައިއުޅޭ ތަކެއްޗެވެ. ހުރިހައިތާކު ވެސް މިކަން އޮންނަނީ ހަމަ މިހެންނެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތް އެނގޭ މީހާ ކަށަވަރެއް ނުވެއެވެ. މިއީ މިފަދަ ތަކެތީގެ ޠަބީޢަތެވެ. އޭގެ ސިފައެވެ. އެހެންކަމުން މި ސިލްސިލާއަށް ލިޔުމާއި މައުލޫމާތު ފޮނުވުމުގެ ދޮރު އާންމުކޮށް ހުޅުވައިލަމެވެ.

-އެޑިޓަރ

ރަށް ފަޅުކުރި ދެ ފުރޭތައިގެ ވާހަކަ

ފުރޭތަ

ދިވެހި ބަހުގައި ފުރޭތަ އަކީ، ޖިންނީންގެ ތެރޭގައި ހިމެނޭ ވަރަށް ބިޔަ، ބާރުގަދަ، ނުލަފާ، ސިފަހުތުރު އެއްޗެކެވެ. މި މާނައިން ދައްކައިދޭ ގޮތުގައި ފުރޭތައިގެ ސިފައަކީ ޖިންނިއަކަށް ވުމާއި، ބިޔަވުމާއި، ބާރުގަދަވުމާއި، ނުލަފާވުމާއި، ސިފަހުތުރުވުމެވެ. މިއީ ހައްތާ ވެސް ބިރުވެރި ސިފަތަކެވެ. ނުރައްކާތެރި ސިފަތަކެކެވެ.

ފުރޭތައެރުން

ބުނެވޭ ގޮތުގައި ކޮންމެވެސް ޒަމާނެއްގައި ފުވައްމުލަކަށް ބިޔަ ދެ ފުރޭތައެއް ކޮންމެ ރެއަކު އަރައެވެ. ހިތްތަކަށް ބިރުވެރިކަމާއި ހިތި ހިތާމަވެރިކުރުވައެވެ. ފުރޭތައެރުމުގެ ސަބަބުން މިނޫން ވެސް އެތައް ބިރުވެރިކަމެއް ރަށުތެރޭގައި ދިޔައީ އުފެދެމުން ގިނަވަމުންނެވެ. މިއާ ގުޅިގެން ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތެވެ. ކުރެވޭން އޮންނަހައި ވެސް ކަމަކީ އިރު އޮއްސުމުގެ ކުރީން ގެއަށްވަދެ ދޮރުލައްޕައި ތަންޑުއަޅައިގެން ތިބެ ރައްކާތެރިކަމެއް ލިބޭތޯ ބެލުމެވެ. މިއީ ވެސް ފުރިހަމަ ރައްކާތެރިކަމަކަށެއް ނުވިއެވެ. ފުރޭތަ އަރައިފިއްޔާ އެތައް ބަޔަކަށް ކޮންމެވެސް ބައްޔެއް ޖެހެއެވެ. ބަލިޖެހިފައިވާ މީހުންގެ ހާލުބޮޑުވެއެވެ. މީހުން މަރުވެއެވެ.

ހިތްގައިމު ވެއްޓެއް ގުދުރަތުން ދެއްވާފައިވާ ފުވައްމުލަކު ނޭޗަރ ޕާކް: ފޮޓޯ ފުވައްލަކު ސިޓީކައުންސިލް

ރަށުގެ އެންމެނާ ކުރިމަތިވެފައި އޮތީ ފުރޭތައިގެ ބިރުވެރިކަމާއި، މީހުން މަރުވުމާއި ބަލިވުމުގެ ހިތި ހިތާމައެވެ. މިކަމާ ކަންބޮޑުވެ ރަށް ފަޅުކޮށްފައި އެހެން ރަށަކަށް ދިއުމަށް ވެސް މަޝްވަރާކުރެވުނުކަމަށްވެއެވެ. ފުވައްމުލަކަކީ އެކި ސަބަބުތަކާހުރެ މާޒީގައި ފަޅުވެ އަލުން އާބާދުވެފައިވާ ރަށެކެވެ. އެއީ ސާބިތުވެ އެނގެން އޮތް ހަގީގަތެކެވެ.

ދެ ފުރޭތައާއި އެދުރު ކަލޭފާނު

މި ދެ ފުރޭތަ އަރައިގެން އަންނައިރު އެއާ ދިމާކޮށްލަން ކެރުނު މީހަކު އެ ރަށުގައި ހުރިކަމަކަށް ނުވެއެވެ. ފުރޭތައިގެ ކަންތައް ނިންމައިލެވުނު ފަންޑިތަވެރިއަކާ ދިމާވިކަމަކަށެއް ނުވިއެވެ. ނަމަވެސް އެއީ ފުވައްމުލަކެވެ. ދެކުނު ފަންޑިތަވެރިކަމުގެ އިސް އެދުރުންގެ ރަށެކެވެ. ނުވެ އޮތް ކަމަކީ އިރާއި ސާއަތް ދިމާވުމެވެ. ބިރުވެރި ހިތްތަކުގެ ދުއާއަކީ އެ ދަނޑިވަޅު މިންވަރުކުރެއްވުމެވެ.

ދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. އިރު އޮއްސެން ގާތްވެފައި ހުއްޓައި ރަށުގައި އޭރު ހުންނެވި އެންމެ މޮޅު އެދުރުކަލޭފާނު ކޮންމެވެސް މުހުތާދެއްގައި ރަށުތެރެއަށް ނުކުންނެވިއެވެ. އެދުރުކަލޭފާނު ހިންގަވަމުން ގެންދަވަނީ އާންމުކޮށް މި ދެ ފުރޭތަ އަރާ ދިމާގައި އޮންނަ މަގަކުންނެވެ. އެހެންކަމުން ދެ ފުރޭތައާއި އެދުރު ކަލޭފާނާ ތާއެވެ.

ހިތްގައިމު ކަމުން ފުރިގެންވާ ފުވައްމުލަކުގެ ހާލަތު ބަދަލުކޮށްލައިދިން ބަނދަރު: ފޮޓޯ ފުވައްލަކު ސިޓީކައުންސިލް

ކުއްލިއަކަށް މާކަނޑުގެ ލޮނުގަނޑު ފަޅައިލައި ނިކުމެގެން ހަމަ އިސްކޮޅަށް ދެމިލި ބިރުވެރި ދެ މަޚުލޫޤަކީ އެ ދެފުރޭތައެވެ. ނިވާވުމެއް ރައްކާތެރިވުމެއް ލިބޭނެ ގޮތެއް ނެތެވެ. އެދުރުކަލޭފާނަކަށް ދެވަނަ ގޮތެއް ނެތެވެ. މިއީ އެދުރު ކަލޭފާނު ނުހަނު އެދިލައްވައިގެން ހުންނެވި ފުރުސަތެއް ކަމުގައި ބުނެވެއެވެ.

އެދުރު ކަލޭފާނު ތައްޔާރުވެލެއްވިއެވެ. ﷲ އަށް ދުޢާ ދެންނެވިއެވެ. އެދުބޭކަލުންގެ މަތީން ހަނދުމަކުރެއްވިއެވެ.

އެއްކަލަ ވަގުތު އަރާ ހަމަވަނީއެވެ. އެދުރުކަލޭފާއި ރަށުގެ އެހެން މީހުންނާ ތަފާތުވާ ގޮތް ދައްކަވަން ޖެހިލައްވަނީއެވެ. ރައްޔިތުންގެ ރައްކަލަށްޓަކައި އެކަލޭފާނުގެ އިލްމުން ކަމެއް ކޮށްދެއްވުމުގެ ވަގުތު ޖެހެނީއެވެ.

އެދުރު ކަލޭފާނުގެ އިލްމުވެރި ތަޖުރިބާކާރު ދެލޮލަށް ކަށަވަރު ކުރެވުނީ އަރައިގެން މި އަންނަނީ އާދައިގެ "ދޭތި" ނޫންކަމެވެ. ބިރުވެރިކަމާއި ނުލަފާކަމާއި ނުރައްކާތެރިކަމުގެ އިންތިހާ ދަރަޖައިގެ ދޭތިކަމެވެ.

މަގު ދިގުކުރުމަކަށް ގޮތް ދެއްކުމަކަށް ވަގުތު ނެތްކަން އެދުރު ކަލޭފާނަށް ކަށަވަރުވިއެވެ. ލުއިކޮށް ފަށްޓަވައިގެން ކާމިޔާބެއް ނެތްކަމަށް ވިސްނިލެއްވިއެވެ. ބިސްމިއްﷲ ކިޔުއްވައި ބޮލުގައި އޮތް ހުދު ފޮށާ ނެންގެވިއެވެ. ފޮށާގެ ހުރަސްކޮޅުން ދިގަށް ރޫޖެހޭގޮތަށް ވާގަނޑެއް ހެން ހެއްދެވިއެވެ. އެއްކޮޅުގައި ހިފަހައްޓަވައި، ފޮށާ މަތުރުއްވަމުން ފަށަކުން ފަށަކުން ފަށްޖެހޭގޮތަށް އަތުތެރެއަށް ފަށްތައް ގެންނަވައި ޔަގީންކަމާއެކު ފޮށާ ޖެއްސެވުމަށް ތައްޔާރުވެލެއްވިއެވެ.

ފޮށާޖެހުމަކީ ފޮށާގެ އެއްކޮޅުގައި ހިފައި، ފަންޑިތަކިޔަވަމުން، އެ ހިފި އަތުގެރެއަށް ފޮށާގެ އަނެއް ބައި ފަށްޖަހައި މަތުރައި، ފުރޭތައަކާ ދިމާއަށް ނުވަތަ ބިރުވެރި އެއްޗަކާ ދިމާއަށް ޒާތަކަށް ފޮށާ ހޫރައިލުމެވެ. މިގޮތަށް ހޫރައިލުމޭ ކިޔަނީ ގާބުރިއެއް ކަހަލަ އެއްޗެއް އެއްލަން އަތް އުފުލާ ގޮތަށް އަތް މައްޗަށް އުފުލައި، އަތުތެރެއަށް ފަށްޖަހައިފައިވާ ފޮށާ ނިއުޅިގެން ދާނޭގޮތަށް ހޫރައިލުމަށެވެ. މިގޮތަށް ހޫރައިލާއިރު ފޮށާގެ ކޮޅު އަތުން ދޫނުކޮށް ހިފަހައްޓާނެވެ. މިހެން ހަދަނީ ފޮށާޖެހުން ކާމިޔާބު ނުވެއްޖެ ހާލަތެއް އިތުރަށް ފޮށާޖެހުމަށްޓަކައެވެ. ފަންޑިތަވެރީން ބުނާގޮތުން ތިން ފަހަރު ފޮށާޖަހައިގެން ކާމިޔާބު ނުވެއްޖެއްޔާ ފަންޑިތަވެރިޔާ ދުނިޔެއިން ވަކިވާނެއެވެ. އެހެންކަމުން ބާރުގަދަ ފަންޑިތައަކާ އެކު ފޮށާޖެހުމަކީ މަރު ނުވަތަ ކާމިޔާބަށް ކަށަވަރުކޮށްގެން ދެވޭ ހަމަލާއެކެވެ. މިއީ އެންމެ ބާރުގަދަ ފަންޑިތައިގެ ވައްތަރެކެވެ.

ގުދުރަތީ ފެހިކަން ލިބިފައިވާ ފުވައްމުލަކުގެ ރީތި ނޭޗަރޕާކް: ފޮޓޯ ފުވައްލަކު ސިޓީކައުންސިލް

ފުވައްމުލަކު ރައްޔިތުންނަށްޓަކައި އެދުރު ކަލޭފާނު ތައްޔާރުވެލެއްވީ މަރު ނުވަތަ ކާމިޔާބުގެ ހަމަލާއަކަށެވެ. ނުރައްކާތެރި ދެ ފުރޭތަ އެދުރުކަލޭފާނާ ދިމާއަށް ދަތް ދިލުވައިގެން އައެވެ. ބުނެވޭ ގޮތުގައި އެއީ ރޯ މާޅޮސްކެޔޮ ވައްތަކެއް ފަދަ ދަތްތަކެކެވެ. އެ ދަތްތަކަށް ޖާގަ ހެޔޮވަރު އަނގައެކެވެ. އެއާ ވަރުންއެޅޭ ހަށިގަނޑެކެވެ. މިވަރުގެ ދެ ފުރޭތައެވެ. ނަމަވެސް މިއީ ފުވައްމުލަކު ފަންޑިތަވެރީންގެ ތެރެއިން ވެސް މަޝްހޫރު އެދުރުކަލޭފާނެވެ. އެދުރުކަލޭފާނަކަށް ވަގުތެއް ހާލަތެއް ނޯޅެއެވެ. ލޮންސިއެއްގެ ދުރުމިނަށް ދެ ފުރޭތަ ގާތްވަންދެން ހުންނެވިއެވެ. ހަމަ ގާތްވުމާއެކު އެދުރުބޭކަލުން ދެއްކެވިމަގުން ހުށިޔާރުކަމާއި ފާޑުވެރިކަމާއެކު ފޮށާ ޖެއްސެވިއެވެ. އެދުރުކަލޭފާނުގެ މި ބާރުގަދަ ހަމަލާއިން އެ ބިޔަ ދެ މަޚުލޫޤުންނަށް ރެކިގެންނެއް ނުދެވުނެވެ. ވާނީ ވެސް އެހެންތާއެވެ. ދެކުނުގެ ފަންޑިތަވެރީން ބުނާގޮތުގައި ފަންޑިތަ އެންމެ މުޖައްރިބު ވަނީ، ބިރުވެރި މަޚުލޫގަކާ ކުރިމަތިލާ ހިނދުގައްޔާއި ނުރައްކާތެރި ނަގޫރޯޅިއަކުން މިންޖުވާން އެދޭ ހިނދުގައެވެ. އެދުރު ކަލޭގެފާނުގެ ފޮށާ ޖެއްސެވުމުން ފަންޑިތަވެރީންގެ މި ބަހުގެ ތެދުކަން ހާމަވެގެން ހިނގައްޖެއެވެ.

ދެ ފުރޭތައަށްވީ ކިހިނެއް؟

ފޮށާ ޖެއްސެވުމާއެކު އެއް ފުރޭތަ މަރުވެ ގާވެގެން ގޮސް ވެއްޓުނީ "އައްޔަނި" ފަންނާ ދިމާ މޫދަށެވެ. އައްޔަނި ޒިޔާރަތޭ ކިޔާ ހިސާބަށެވެ. ފުވައްމުލަކު ރަށޮވެށީގައި، ކަރައްޔަ ގަނޑުވަރު ކަޅު ތުއްތު ދީދީ ވިދާޅުވެފައިވާ "އައްޔަނިގައު ފަހަނަޅާ ޒިޔާރަތަށް ވަރަ އަޅާ" މި އިބާރާތުގައިވާ "އައްޔަނިގައު" މިއީ ގާވެފައިވާ އެ ފުރޭތަ ކަމަށް ވެސް ބުނެއުޅެއެވެ. މި ފުރޭތަ މަރުވެގެން ވެއްޓުނީ ގައުވެގެން ކަމަށްވެސް ބުނެއުޅެއެވެ.

އަނެއް ފުރޭތައަށް ފަންޑިތައިން ކިތަންމެ ބޮޑު ތަދުހޫނުކަމެއް ލިބުނަސް ވަގުތުން މަރެއް ނުވިއެވެ. އެހެންނަމަވެސް ރަށް މަތީން އުދުހިގެން އޭއްޗަށް ދެވުނީ އަރުއްފަންނާ ހިސާބަށެވެ. އެންމެފަހުން އޭތީވެސް ގައުވެގެން އަރުއްފަންނު މޫދަށް ވެއްޓުނީއެވެ. ނުރައްކާތެރި ދެ ފުރޭތައިގެ ކިބައިން ﷲ އެރަށުގެ ރައްޔިތުން ސަލާމަތް ކުރެއްވީއެވެ. އެރަށުން ބަލިމަޑުކަންފިލައި އަމާންރަށަކަށް އަނެއްކާވެސް އިޔާދަވީއެވެ.

ގައުވެފައިވާ ދެ ފުރޭތަ މިހާރު ވެސް ފެނޭ

މި ދެ ފުރޭތަ ކަމަށް ބުނާ ދެ ގައު އެ ދޭތި ވެއްޓުނު ތަނުގައި މިހާރުވެސް އެބަހުރި ކަމަށް ވެއެވެ. އެހެނަސް ފުރޭތައިގެ ސޫރައިގައެއް ނޫނެވެ. އާދައިގެ ދެ ހިރިގަލުގެ ގޮތުގައެވެ. ހިކި ދިޔައިގައި މި ދެ ގައު މިހާރުވެސް ފެންނަ ކަމަށް ވެއެވެ.

ހަތިޔާރަކުން ޖެހުމުން މިހާރުވެސް ލޭ ފައިބާ!

ކަތިވަޅި ނުވަތަ ފުރޯ ފަދަ ހަތިޔާރަކުން މި ދެ ގަލުގައި ޖެހުމުން މިހާރުވެސް ލޭ ފައިބާ ކަމަށް ބައެއް މީހުން މިހާރުވެސް ގަބޫލުކުރެއެވެ. އެގޮތަށް ގަބޫލު ކުރަނީ މި ފުލޯކް ވާހަކައަކީ ހަގީގަތެއް ކަމަށް ގަބޫލުކުރާ މީހުންނެވެ. މިފަދަ ވާހަކައަކީ ހަގީގަތެއް ކަމަށް ދައްކަން ކިތަންމެ މަސައްކަތް ކުރިޔަސް އެކަމަށް ދެއްކޭނޭ އެއްވެސް ހެއްކެއް ވެސް ނެތެވެ.

އައްޔަނިގައު އޮންނަ ކަމަށް ބުނާ ސަރަހައްދު

އެފަދަ ހަތިޔާރަކުން ދިރިހުރި ގަލެއްގައި ޖެހުމުން ލޭ ނުވަތަ ރަތްކުލަ ފެންނަ ސަބަބު މިޒަމާނުގެ ސައިންސް ކިޔަވާ ކުދީންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ގަލުން އެ ފައިބަނީ ލެޔެއް ނޫނެވެ. އެއީ ދަބަރެވެ. ދަގަނޑުން ހަދާފައި ހުންނަ ކަތިވަޅި/ ފުރޯ ފަދަ އެއްޗަކުން ގަލުގައި ޖެހުމުން އޭގައި ހުންނަ ދަބަރު ގަލުގައި ހިމެނޭ މާއްދާތަކާ ގުޅިގެން ދަބަރު ދިޔައިވެ ރަތްކުލަ ފެންނަނީއެވެ.

އަރުއްފަންނު

އަރުއްފަންނަށް ފުރޭތަ ވެއްޓުނު ހިސާބުން އެސަރަހައްދު ނާމާން ކަމަށް ބައެއް މީހުންބުނެއެވެ. އަރުއްފަންނާ ދިމާއިން ކަނޑުގެ އޮއިވަރު އެހެން ދިމަދިމާއަށްވުރެ ގަދަވެފައި ނުރައްކާ ކަމަށް ވެއެވެ. އެ ސަރަހައްދަށް މޫދަށް ގޮސް އުޅުނު މީހުންގެ ތެރެއިން އެއްދުވަހަކު އަށް މީހަކު މަރުވެފައިވާކަމަށް ވެސް ވެއެވެ. އެހެނަސް ރަށް އުފެދިފައިވާ ގޮތާއި ސަރަހައްދުގެ އޮޔާއި ވައި ބަދަލުވާގޮތް ރަނގަޅަށް ބަލައި ދިރާސާކޮށްފިނަމަ އަރުއްފަންނު ފުރޭތައާއި އެސަރަހައްދުގެ ނާމާންކަމާ އެއްވެސް ގުޅުމެއްނެތްކަން އެނގޭނެއެވެ.

މިފަދަ ވާހަކަތަކީ ޝައުގުން ފުރިގެންވާ ވާހަކަތަކެކެވެ. ހަގީގަތަކަށްވިޔަސް ނުވިޔަސް މިއީ ދިވެހި އަދަބިއްޔާތަށް މުހިންމު ވާހަކަތެކެކެވެ. އަދަބީ ތަރިކައިގެ ތެރެއަށް އިތުރުކޮށްލެވިދާނެ ބޮޅުތަކެކެވެ.

ލޯކަލް ޓޫރިޒަމްގެ ތެރެއަށް ވެސް މި ވާހަކަތައް ލެވިދާނެއެވެ. މިވާހަކަތަކާއެކު ލޯކަލް ޓޫރިޒަމް ޕްރޮމޯޓު ކުރެވިދާނެއެވެ. އެހެންވީމާ މިފަދަ ފުލޯކު ވާހަކަތައް ވެސް މުހިންމު ކަމަށް ގަބޫލު ކުރަން އެބަޖެހެއެވެ.